ޕީޕީއެމް/ޕީއެންސީގެ މަސައްކަތްތައް ކުރިއަށްދާގޮތް އެނގޭނީ ދުރުގައި ތިއްބެވި ބޭފުޅުންނަކަށް ނޫންކަމަށާއި، އެކަން އެނގޭނީ ޕީޕީއެމް/ޕީއެންސީގައި މިހަރު ތިއްބެވި ބޭފުޅުންކަމަށް ވިދާޅުވެ، ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގެ ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނަކަށް ހަމަޖައްސަވާފައިވާ ހީނާ ވަލީދު ކުރީގެ ރައީސް ޔާމިންއަށް ރައްދު ދެއްވައިފިއެވެ.
މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމްގެ ނަމުގައި ވާދަކުރުމުގެ ފުރުސަތު އެޕާޓީގެ މެމްބަރުންނަށް ދީފައި ނުވާކަމަށް ވިދާޅުވެ ރައީސް ޔާމިން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވަމުން ހީނާ ވިދާޅުވީ، ދުރުގައި ތިއްބަވާ ބޭފުޅުންނަކަށް މަސައްކަތްތައް ކުރިއަށް ދާ ގޮތެއް އެނގިވަޑައެއް ނުގަންނަވާނެ ކަމަށާއި، އަދި ޕާޓީ ދޫކުރައްވައި ވަޑައިގެންނެވި ބޭފުޅުންނަކަށް ވެސް މިވަގުތު ޕާޓީގެ ކަންކަން ދާގޮތެއް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.
ދެން ޕީޕީއެމްގެ ކަންތައް ކުރިއަށްދާ ގޮތް، ޕީއެންސީގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް އެނގިވަޑައިގަންނަވާނީ އަޅުގަނޑުމެންނަށް. ދުރުގައި ތިއްބަވާ ބޭފުޅުންނަކަށް މަސައްކަތްތައް ކުރިއަށް ދާ ގޮތެއް އެނގިވަޑައެއް ނުގަންނަވާނެ. އަދި ޕާޓީ ދޫކުރައްވައި ވަޑައިގެންނެވި ބޭފުޅުންނަކަށް ވެސް މިވަގުތު ޕާޓީގެ ކަންކަން ދާގޮތެއް އެނގިވަޑައިނުގަންނަވާނެ.
ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ، ޕީއެންސީއަކީ މި ވަގުތު ވެރިކަން ކުރާ ޕާޓީ ކަމަށާއި، މަޖިލިސް އިންތިހާބުގައި ޕީއެންސީން ހުރިހާ ކެންޑިޑޭޓުން ވާދަކުރަން ނިންމުމަކީ ޕީޕީއެމް އަދި ޕީއެންސީގެ ލީޑަޝިޕްގެ ނިންމުމެއް ކަމުގައެވެ.
ޕީއެންސީއަކީ މި ވަގުތު ވެރިކަން ކުރާ ޕާޓީ، ދެން މަޖިލިސް އިންތިހާބުގައި ޕީއެންސީން ހުރިހާ ކެންޑިޑޭޓުން ވާދަކުރަން ނިންމުމަކީ ޕީޕީއެމް އަދި ޕީއެންސީގެ ލީޑަޝިޕްގެ ނިންމުމެއް.
ހީނާ ވިދާޅުވި އެވެ.
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގައި ޕީއެންސީގެ ޓިކެޓްގައި މަހިބަދޫ ދާއިރާއަށް ވާދަކުރާ އަހުމަދު ތާރިގް(ޓޮމް)އާއި އޭދަފުށީ ދާއިރާއަށް ވާދަކުރާ އަހުމަދު ސަމީމް (ރެޑް ވޭވް ސަލީމް) އާއި ދެބޭފުޅުން ޕީއެންސީގެ ނަމުގައި އެ ދެދާއިރާއަށް ވާދަކުރަނީ ޕީޕީއެމްގެ ޓިކެޓްގައި ވާދކުރަން ހުއްދަ ނުލިބިގެން ކަމުގައި ޔާމިން ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމިން އުފެއްދަވާ ޕީއެންއެފް ޕާޓީގެ އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވީ، ދެބޭފުޅުންވެސް ވާދަ ކުރައްވަން ފުރަތަމަ އެދިވަޑައިގެންނެވީ ޕީޕީއެމްގެ ނަމުގައި ވާދަކުރެއްވުމަށް ކަމަށާއި، އެހެންނަމަވެސް ޕީޕީއެމްގެ ނަން ބޭނުންކޮށްގެން މަޖިލިސް އިންތިޚާބިގައި ވާދަކުރަން ހުއްދަ ނުލިބުނީ ކަމަށެވެ.
އެމީހުންނަކަށް ހުއްދައެއް ނުލިބުނު ޕީޕީއެމްގެ ނަމުގަ ކުރިމަތިލާކަށް… މި ދެބޭފުޅުން ހަމަގައިމުވެސް ޕީޕީއެމް ދުލެއް ނުކޮށްލާ. ޕީޕީއެމްގެ މެމްބަރުންގެ ގޮތުގަ މިހާރުވެސް މަޖިލިހުގެ ދަފްތަރުގަ އެއޮތީ. އެކަމަކު މިފަހަރު ކުރިމަތި މިލަނީ މަޖުބޫރުކޮށްގެން. ޕީއެންސީގެ ކެނޑިޑޭޓުންގެ ގޮތުގަ ހަމަ އެ ދެދާއިރާއަށް މި ދެބޭފުޅުން ކުރިމަތި ލަނީ.
ރައީސް ޔާމިން ވިދާޅުވިއެެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ހުރިހާ ކެނޑިޑޭޓުންވެސް ވާދަކުރަމުން ދަނީ ޕީއެންސީގެ ނަމުގައެވެ.