الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:
ހިލޭ އަންހެން ކުދިންނާ ފިރިހެން ކުދިން ރައްޓެހިވެ ގައިގޯޅިވެ ތަންތަނުގައި އެކަހެރިވެ އުޅުމަކީ އިސްލާމްދީން ވަރަށް ބޮޑަށް މަނާ ކުރައްވާފައިވާ ކަމެކެވެ. އެއީ އެކަމުގެ ސަބަބުން އިސްލާމީ މުޖުތަމަޢުތައް ފަސާދަވެ ލަދުވެތިކަމާއި، ޢިތްފަތްތެރިކަން ގެއްލިގޮސް މާތްﷲގެ ކޯފާއަށް އެތަނެއް ހުށައެޅިގެންދިޔުމުގެ ސަބަބަކަށް އެކަންވެގެން ދާތީއެވެ. މާތްﷲ އެކަލާނގެ އަޅުތަކުންގެ ޙާލު މޮޅަށް ދެނެވޮޑިގެންވާތީ ފިތުނަ އާއި ފަސާދައަށް އިންސާނާ ހިނގައިދާނެ ހުރިހާ ދޮރެއް ވަނީ ބަންދު ކުރަށްވާފައެވެ.
ޒިނޭއާ ގާތް ނުވުމަށް ވަނީ އަމުރު ކުރައްވާފައެވެ.
ފިރިހެނުންގެ ބެލުން ތިރިކުރުމަށް ފިރިހެނުންނަށް އަމުރު ކުރެއްވިފަދައިން އަންހެނުންނަށްވެސް އެކަނބަލުންގެ ލޯތައް ތިރިކުރުމަށް ވަނީ އަމުރު ކުރައްވާފައެވެ. އަދި އަންހެނުންގެ ޒީނަތްތެރިކަން ފާޅު ނުކުރުމަށާއި، ހިލޭ ފިރިހެނުންނަށް އަޑު އިވޭ ހިސާބުގައި ތުއި އަޑުން ވާހަކަ ނުދެއްކުމަށާއި، އަންހެނުންގެ ފައިގެ ތަކަހޮޅީގެ އަޑު އިއްވުމަށްޓަކައި ބިމުގައި އެކަނބަލުންގެ ފައިން ނުޖެހުމަށް ވަނީ އަމުރު ކުރައަވާފައެވެ. އަދި ސަލާމާއި ޞަލަވާތް ލެއްވި މާތް ނަބިއްޔާ ވަނީ އަންހެނުން މަޙުރަމަކާ އެކުނޫނީ ދަތުރު ނުކުރުމަށާއި، ހިލޭ ފިރިހެނުންނާ އެކަހެރި ނުވުމަށާއި، ވަސްގަދަ އަތަރާއި ސެންޓު ޖަހައިގެން ފިރިހެނުންގެ ތެރެޔަށް ނިކުމެ ނޫޅުމަށް އަމުރު ކުރަށްވާފައެވެ. މިހުރިހާ ކަމެއްވެސް އަންގަވާފައިވަނީ މުސްލިމު އަންހެނާގެ ކަރާމަތާއި ޢިތްޒަތް ވެއްޔާ މޮޑެވިގެން ދިޔަނުދިނުމަށްޓަކައެވެ. ކެހިވެރިންގެ އަނިޔާވެރި ވަކިތަކުން އަންހެނާ ޙިމާޔަތް ކުރުމަށްޓަކައެވެ.
މާތްﷲ ރުއްސުންލެއްވި ޢުޤުބާ ބިން ޢާމިރު ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަ ކަށަވަރުން ސަލާމާއި ޞަލަވާތް ލެއްވީ ކީރިތި ރަސޫލާ ޙަދީޡް ކުރެއްވިއެވެ"(إِيَّاكُمْ وَالدُّخُولَ عَلَى النِّسَاءِ فَقَالَ رَجُلٌ مِنْ الْأَنْصَارِ يَا رَسُولَ اللَّهِ أَفَرَأَيْتَ الْحَمْوَ قَالَ الْحَمْوُ الْمَوْتُ ) ( ބުޚާރީ : ޙަދީޡް ނަމްބަރު : 4831)" މާނައީ : ތިޔަބައިމީހުން (ހިލޭ ) އަންހެނުންގެ ތެރެޔަށް ވަދެ އުޅުމުން ދުރުވެ ރައްކާތެރިވެ ތިބޭހުށިކަމެވެ. އެހިދު އަންޞާރިއްޔަ ބޭކަލަކު ދެންނެވިއެވެ "ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ (ޅިޔަނު) އޭނާގެ އަޚާގެ އަންހެނުންގެ ގާތަށް ވަދެނިކުމެ އުޅުމާއިމެދު ދެކެވަޑައި ގަންނަނީ ކިހިނެއް ހެއްޔެވެ؟" ޙަދީޡްކުރެއްވިއެވެ "ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ (ޅިޔަނު) އަކީ މަރެވެ" މީގެ މާނަކީ އެއީ ހަލާކެވެ. އެއީ ނުރައްކާ ކަމެކެވެ.
މީހަކާ އިނުމަށްޓަކައި ކުއްޖަކާ ގުޅޭނަމަވެސް އެކަން ހިނގަންވާނީ ދެކުދީންގެ މައިންބަފައިންގެ ބެލުމުގެ ދަށުންނެވެ. ވާހަކަ ދެކެވެން ޖެހޭނީ ބެލެނިވެރީންގެ ޙާޟިރުގައެވެ. މާތްﷲ ބަރަކާތް ލައްވަނީ އެކަލާނގެ ކަނޑައެޅުއްވި ޝަރުޢީ ހަމަތަކުގެމަތީން ގުޅޭ ދެމީހެއްގެ ޙަޔާތުގައެވެ. ދެމީހުން ދަސްވުމުގެ ނަމުގައި ﷲ ކަނޑައެޅުއްވި އިންތައް ފަހަނައަޅައި ގޮސްފައިވާ ދެމީހަކު ކިތެންމެ ލޯތްބެއް އަނެކާދެކެ ވިޔަސް އެދެމީހެއްގެ ގުޅުމުގައި މާތް ﷲ ބަރަކާތް ނުލައްވައިފިނަމަ އެދެމީހެއްގެ ޙަޔާތަކީ ބާއްޖަވެރި ޙަޔާތަކަށް ނުވާނެއެވެ. މުޖުތަމަޢުގެ ޙާލަތަށް ބަލައިލުމުން މިކަން ވަރަށް ރަނގަޅަށް ސާފުވާނެއެވެ. މިހާރު ކުރެވޭ ކައިވެނިތަކަކީ މުޅިންހެން ރައްޓެހިވެގެން އުޅޭތާ އެތައް އަހަރެއް ވެފައިކުރެވޭ ކައިވެނިތަކެވެ. ނަމަވެސް މާގިނަދުވަހެއް ނުވެ ފެންނަނީ ވަކިވާތަނެވެ. ހަމަ ދެމީހުން ދަސްނުވަނީ ހެއްޔެވެ؟
ޒިނޭގެ މާނައަކީ ފިރިހެނެއްގެ ޒަކަރުން ފާޅުވާ ހިސާބު އަންހެނާގެ ފަރުޖުގެ ތެރެއަށް ވެއްދުމެވެ. އިސްލާމްދީނުގައި ޒިނޭ ޙަރާމް ކުރެއްވިއިރު، އެކަމަށް މަގުފަހިކޮށްދޭނެ ހުރިހާ މަގުތަކެއްވަނީ ބަންދުކުރުމަށް އަންގަވާފައެވެ. އެއީ އަންހެން ކުދިންނަށް ބެލުންކަމުގައި ވީނަމަވެސް، ވާހަކަދެއްކުން ކަމުގައިވީނަމަވެސް، އަދި މިނޫންވެސް ހުރިހާ މަގުތަކެއްވަނީ ބަންދުކުރުމަށް އަންގަވާފައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. (وَلاتَقْرَبُواالزِّنَىإِنَّهُكَانَفَاحِشَةًوَسَاءَسَبِيلاً)الإسراء:32.މާނައީ: "އަދި، ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން އެއީ ހުތުރުކަން ބޮޑުވެގެންވާ އަދި މަގެއްގެ ގޮތުން ނުބައިވެގެންވާ ޢަމަލެކެވެ".
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.: “إن الله كتب على ابن آدم حظه من الزنا ، أدرك ذلك لا محالة ، فزنا العين النظر ، وزنا اللسان النطق ، والنفس تمنَّى وتشتهي ، والفرْج يصدق ذلك كله ويكذبه “. رواه البخاري ( 5889 ) ومسلم ( 2657 ) މާނައީ:" ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ކޮންމެ އާދަމުގެ ދަރިއަކަށްވެސް ޒިނޭއިން އޭނާއަށް މިންވަރެއް ލިޔުއްވާފައެވެ. އެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ފަހެ ލޮލުގެ ޒިނޭއަކީ ބެލުމެވެ. އަދި ދުލުގެ ޒިނޭއަކީ ވާހަކަ ދެއްކުމެވެ. އަދި ނަފްސު އެކަމަށް އެދި ދަހިވެތި ވެއެވެ. އަދި ލަދުވެތި ގުނަވަން އެކަން ތެދުކޮށް ދޮގުކުރެއެވެ."
އެހެންކަމުން މުސްލިމަކު ޒިނޭގެ އެއްވެސް ޢަމަލެއް ( އެއީ އަތުގެ ޒިނޭ، ލޮލުގެ ޒިނޭ، ފައިގެ ޒިނޭ އެއްކަމުގައިވިޔަސް ) ކުރުން އެއީ ހުއްދަކަމެއް ނޫނެވެ.
އަދިވެސް ﷲ ތަޢާލާ ސޫރަތުލް މަޢާރިޖުގައި މުއުމިނުންގެ ސިފަތައް ބަޔާން ކުރައްވައި ވަޙީކުރައްވާފައި ވެއެވެ.
.وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ* إِلَّا عَلَى أَزْوَاجِهِمْ أَوْ مَامَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ* فَمَنِ ابْتَغَى وَرَاءَذَلِكَ فَأُولَئِكَ هُمُ الْعَادُونَ.މާނައީ: "އެބައިމީހުންނީ އެބައިމީހުންގެ އަނބިން ފިޔަވައި، ނުވަތަ އަޅުން ފިޔަވައި އެހެން މީހުންނަށް އެބައިމީހުންގެ ފަރުޖުތައް ރައްކާތެރިކުރާ މީހުންނެވެ. އަދި އެބައިމީހުންނީ މަލާމާތް ލިބިގެންވާ މީހުންނެއް ނޫނެވެ. ފަހެ އޭގެ އިތުރަށް އެދިއްޖެއް މީހުންނަކީ ޙައްދު ފަހަނަޅައި ދާމީހުންނެވެ". އެހެންކަމުން މިއާޔަތުންވެސް އަޅުގަޑުމެންނަށް އަންގައިދެނީ ތިމާގެ އަނބިންނާއި މިލްކުވެގެންވާ އަޅުން ފިޔަވައި އެހެންމީހުން ހުއްދަވެގެން ނުވާކަމެވެ.
ކުރެވޭ ކުށްތަކަށް ތައުބާވުމަކީ، އެކަމުގެ ޝަރުތަތަކާއެކު ފުރިހަމަ ގޮތުގައި ކޮށްފިނަމަ، ފާއިތުވެދިޔަ ފާފަތައް ﷲ ތަޢާލާގެ އިރާދަ ކުރައްވައިފިނަމަ ދިންނެވުމަށް އޮތް މަގެކެވެ. އެކަނލާގެ ރަޙުމަތުން އުއްމީދު ކަނޑާލައިގެން ނުވާނެއެވެ. ތައުބާވުމަށްޓަކައި ކުރިން ކުރެވުނު ކަންތައްމައްޗަށް ހިތާމަކޮށް، ދެންދުވަހަކުވެސް އެފަދަކަމަކަށް އަރައިނުގަތުމަށް ޢަޒުމްކޮށް، މާތް ﷲ ގެ ކިބައިން ފާފަފުއްސެވުން އެދި ދަންނަވާނީއެވެ. އަދި ހެޔޮކަންތައް ކުރުން ގިނަކުރާނީއެވެ. ޚާއްޞަ ގޮތެއްގައި ޞަދަގާތް ކުރުން ގިނަކުރާށެވެ. އެހެނީ ޞަދަގާތަކި ފެނުން އަލިފާން ނިވާލައި ފަދައިން ނުބައިކަންތައް ފޮހެލާ ކަމެކެވެ. والله أعلم.