ރޯދަ މަހުވެސް ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމުގައި ހެމެނޭތޯ މަސައްކަތް ކުރުމަކީ އަހަރުމެންގެ އާދައެކެވެ. ތަފާޓު ވައްތަރުގެ ތަރުކާރީ އާއި މޭވާ ކެއުމުގައި ހިމެނުމަކީ ބެލެންސް ޑައިޓަކަށް މުހިންމު ކަމެކެވެ.
މިއަދު މިގެނެސްދެނީ ކްރީމީ ޓުނާ ސެލެޑް ތައްޔާރު ކުރާނެ ގޮތެވެ. މިއީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ އެއްޗެކެވެ. އަދި ހުހަށް ވެސް ކެއުމަށް ވަރަށް މީރު އެއްޗެކެވެ.
ބޭނުންވާނެ ތަކެތި:
- 1/2 ޖޯޑު ބެލްޕެޕާ ރަތްކުލަ (ކިއުބް ކޮން ކޮށާލައިފައި)
- 1/2 ޖޯޑު ކެރެޓް (ކިއުބް ކޮން ކޮށާލާފައި)
- 2 ޖޯޑު ލެޓިއުސް ( ކޮށާލައިފައި)
- ފެހި އާފަލު ފަޅިއެއް (ކިއުބް ކޮން ކޮށާލައިފައި)
- 1/2 ޖޯޑު ސްވީޓް ކޯން
- 1/2 ޖޯޑު ކިއުކަމްބާ (ކިއުބް ކޮން ކޮށާލައިފައި)
ސޯސް އަށް ބޭނުން ވާނީ:
- 1 ދަޅު ގޮތެޔޮ މިރުސް މަސްދަޅު
- 1 ޖޯޑު މަޔޮނައިސް
- 1/2 ސައި ސަމުސާ ހަކުރު
- 1/2 ސައިސަމުސާ ޕެޕާ ޕައުޑަރު
- 1/4 ސައި ސަމުސާ ލޮނު
ތައްޔާރު ކުރާނެ ގޮތް:
ހުރިހާ ތަރުކަރީއެއް ތައްޓަކަށް އަޅައި އެއްކޮށްލާށެވެ. ދެން އެއަށް ފަހު ސޯސް ހެދުމަށް އެހެން ތައްޓަކަށް، މަޔޮނައިސް ކޮޅު އަދި ހަކުރު ކޮޅު އަޅައި ހަކުރު ކޮޅު ވިރެންދެން އެއްކުރަމުން ދާށެވެ. ދެން އެއަށް ފަހު ޕެޕާ ޕައުޑާ އަދި ލޮނު ކޮޅު އަޅައި އެއްކޮށްލުމަށްފަހު މަސްދަޅު އަޅައި ހުރިހާ އެއްޗެއް ވަރަށް ރަނގަޅަށް އެއްކޮށްލާށެވެ. ދެން ތަރުކާރީ އަޅާފައިހުރި ތައްޓަށް އަޅައިލުމަށްފަހު ހުރިހާ އެއްޗެއް އެއްކޮލާށެވެ. މިހާރު ހުންނާނީ ކްރީމީ ޓޫނާ ސެލެޑް ތައްޔާރު ވެފައެވެ.