ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔުމުން އެކަނި ސުވަރުގެ ލިބޭނެތަ؟

ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔުމުން އެކަނި ސުވަރުގެ ލިބޭނެތަ؟

އަޅުގަނޑުމެންގެ ތެރޭގައި ބައެއް މީހުން ބުނެއުޅޭ އެއްޗެކެވެ. ޝަހާދަތުގެ ދެކަލިމަ ކިޔައިފިއްޔާ ސުވަރުގެއަށް ދާނެއެވެ. ނަމާދު ނުކުރިއަސް އަދި އެހެނިހެން އަޅުކަންތައް ނުކުރިއަސް ހެވެވެ. މި ބުނާ ބުނުމުގެ ސައްޙަ މައުލޫމާތަކީ ކޮބައިތޯއެވެ؟

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

އަޅުގަޑުމެން މުސްލިމުން ވާން ޖެހޭނީ ގުރްއާނާއި ސުންނަތުގައި އައިސްފައިވާ ހުރިހާ އެއްޗިއްސަށް އީމާންވާ ބަޔަކަށެވެ. އަހްލުކިތާބީން ގޮތަށް ފޮތުގެ އެއްބަޔަށް އީމާންވެފައި އަނެއް ބަޔަށް ކާފަރުވާ ބަޔަކަށް ވެގެން ނުވާނެއެވެ. އެގޮތަށް އެކަން ކޮށްފިނަމަ، ދުނިޔެ އާއި އާޚިރަތުގައި ގެއްލުމާއި ހަލާކު ވެގެން ހިނގައިދާނެއެވެ.

އަހްލުކިތާބީންގެ ތެރޭގައި ﷲ ގެ އެއްކައުވަންތަކަން ގަބޫލު ކުރާ ބަޔަކު ތިއްބެވެ. ނަމަވެސް، އެބައިމީހުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތު ގަބޫލެއް ނުކުރެއެވެ. އެކަމުގެ ސަބަބުން އެބައިމީހުން ނަރަކާގައި ތާއަބަދަށް ދެމިތިބޭނެކަން އަންގަވާ ކީރިތި ގުރްއާނުގެ ސޫރަތުލް ބައްޔިނާގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ الَّذِينَ كَفَرُ‌وا مِنْ أَهْلِ الْكِتَابِ وَالْمُشْرِ‌كِينَ فِي نَارِ‌ جَهَنَّمَ خَالِدِينَ فِيهَا ۚ أُولَـٰئِكَ هُمْ شَرُّ‌ الْبَرِ‌يَّةِ) މާނައަކީ: "ހަމަކަށަވަރުން، ފޮތުގެ أهل ވެރިންނާއި، مشرك ންގެ ތެރެއިން كافر ވިމީހުންވަނީ ނަރަކައިގެ އަލިފާނުގެ ތެރޭގައެވެ. އެތާނގައި އެއުރެން ދެމިތިބެނިވިގޮތުގައެވެ. އެއުރެންނީ، މީސްތަކުންކުރެ ހަމަ އެންމެ ނުބައިމީހުންނެވެ."

އަހްލުއް ރިއްދާ ނުވަތަ އިސްލާމްވެފައި މުރްތައްދުވީ މީހުން ނަރަކާގައި ތާއަބަދަށް ދެމިތިބޭނެކަން އަންގަވާ ކީރިތި ގުރްއާނުގެ ސޫރަތުލް ބަގަރާގެ 217 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَرْ‌تَدِدْ مِنكُمْ عَن دِينِهِ فَيَمُتْ وَهُوَ كَافِرٌ‌ فَأُولَـٰئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَ‌ةِ ۖ وَأُولَـٰئِكَ أَصْحَابُ النَّارِ‌ ۖ هُمْ فِيهَا خَالِدُونَ) މާނައަކީ: "ތިޔަބައިމީހުންގެ ތެރެއިން مرتدّ ވެ، كافر އަކު ކަމުގައިވާ حال، މަރުވާ މީހުންނީ، ދުނިޔެއާއި آخرة ގައި އެއުރެންގެ عمل ތައް އުވިގޮސްފައިވާ ބަޔެކެވެ. އަދި އެއުރެންނީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން ދެމިތިބޭނީ، އެތާނގައެވެ." ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި މުރްތައްދުވީ މީހުންގެ ތެރޭގައި "ލާއިލާހަ އިއްލަﷲ، މުޙައްމަދުއް ރަސޫލުﷲ" ދުލުކޮޅުން ކިޔާ މީހުން އުޅުނެވެ. ނަމަވެސް، އެބައިމީހުން ނަރަކައިގައި ދެމި ތިބޭނެކަން މިވަނީ އަންގަވާފައެވެ.

މުނާފިގުން ވަނީ ނަރަކައިގެ އެންމެ ދަށުގެ ވަތްގަނޑު ތަކުގެ ތެރޭގައިކަމާއި، އެބައިމީހުން ނަރަކާގައި ދެމިތިބޭނެކަން އަންގަވާ ކީރިތި ގުރްއާނުގެ ސޫރަތުއް ނިސާގެ 145 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ الْمُنَافِقِينَ فِي الدَّرْ‌كِ الْأَسْفَلِ مِنَ النَّارِ‌ وَلَن تَجِدَ لَهُمْ نَصِيرً‌ا) މާނައަކީ: "ހަމަކަށަވަރުން، منافق ން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި، އެއުރެންނަށް نصر ވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ." މުނާފިގުންނަކީ ޝަހާދަތުގެ ދެކަލިމަ ކިޔާ، އަދި ނަމާދުކޮށް، ޙައްޖުކޮށް، މުސްލިމުންނާއި އެކު ހަނގުރާމާގައިވެސް ބައިވެރިވެ އުޅޭ ބައެއްކަން އެނގެއެވެ. އެހެންނަމަވެސް، އެބައިމީހުން ވަނީ ނަރަކައިގެ އެންމެ އަޑީ ވަތްގަނޑުގައެވެ.

އެއްވެސް މީހަކު ޝަހާދަތުގެ ދެކަލިމަ ދުލުކޮޅުން ކިޔުމަކުން ސުވަރުގެ ނުވަދެވޭނެކަން ކީރިތި ގުރްއާނުންނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުން ވަރަށް ރަގަޅަށް ދޭހަވެއެވެ. ޝަހާދަތުގެ ދެކަލިމަ ދުލުކޮޅުން ކިޔުމާއި އެކު ޝިރްކާއި ނިފާގުން މީހާ ބަރީއަ ވާން ޖެހެއެވެ. ނޫންނަމަ، ސުވަރުގެ އަކަށް ނުވަދެވޭނެއެވެ.

އެހެންކަމުން، "ލާއިލާހަ އިއްލަﷲ، ކިޔައިފިމީހާ ސުވަރުގެ ވަންނާނެޔޭ" އޮތް ޙަދީޘްގެ މާނައަކީ ﷲ އަކީ ހައްދަވާ ގެންގުޅުއްވާ އިލާހު ކަމާއި، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ މިއުއްމަތުގެ ނަބިއްޔާ ކަމާއި،  އިސްލާމްދީނަކީ ﷲ ގެ ދީންކަން ގަބޫލުކޮށް، ޝިރްކު ކުރުމަކާ ނުލާ ﷲ އަށް އަޅުކަން ޚާލިޞް ކުރުމާއި ހަމައަށް އެއްވެސް މީހަކު ސުވަރުގެ ނުވަދެވޭނެ ކަމެވެ. ސުވަރުގެ އަކީ ﷲ އަށް ތަގްވާވެރިވީ މީހުންގެ ގޯއްޗެވެ. މުނާފިގުންނާއި މުޝްރިކުންގެ ގޯއްޗެއް ނޫނެވެ. ދުލުކޮޅުން ކިތަންމެ ވަރަކަށް "ލާއިލާހަ އިއްލަﷲ" ކީ ނަމަވެސް، ހިތުގައި އީމާން ކަން ނެތްނަމަ އެޔަކުން ކުރާނެ ފައިދާ އެއް ނޯންނާނެއެވެ.

ޝަހާދަތުގެ ދެކަލިމަ ދުލުކޮޅުން ކިޔުމަށްފަހު، ނަމާދެއް ނުކޮށް، އަދި ފަރްޟު ކުރެއްވި އެއްވެސް އަޅުކަމެއް އަދާ ނުކޮށް، އަދި ޙަރާމް ކުރެއްވި ކަންތަކުން ދުރުހެލިވެ ނުގަންނަ މީހާވެސް ސުވަރުގެ އަށް ވަދެވިދާނެތޯ، އިބްނު ތައިމިއްޔާ- ރަޙިމަހުﷲ- އާއި ސުވާލު ކުރެވުމުން ޖަވާބުގައި ވިދާޅުވެފައިވެއެވެ.

"ފަރްޟު ފަސް ނަމާދު ވާޖިބު ނުވާ ކަމަށާއި، ޒަކާތް ދޭން ނުޖެހޭ ކަމަށް، އަދި ރަމަޟާން މަހު ރޯދަ ހިފަން ނުޖެހޭ ކަމަށް، ހައްޖުވާން ވެސް ނުޖެހޭ ކަމަށް، އަދި ﷲ ޙަރާމް ކުރެއްވި އެއްވެސް ކަމަކުން ދުރުހެލިވާން ނުޖެހޭ ކަމަށް މީހަކު އިޢްތިގާދު ކޮށްފިނަމަ، އެމީހަކީ ދީނުން ބޭރުވެފައިވާ ކާފަރެކެވެ. އެފަދަ މީހަކަށް ތައުބާ ލައިދޭން ޖެހޭނެއެވެ. އަދި ތައުބާ ނުވެއްޖެނަމަ، އެމީހަކު ގަތުލު ކުރަން ޖެހޭނެ ކަމަށް ހުރިހާ ޢިލްމުވެރިން އިއްތިފާގު ވެލައްވައެވެ. ދުލުކޮޅުން ޝަހާދަތް ކިޔާލުމަކުން ނުފުދޭނެއެވެ."

ވީމާ، ސުވާލުގެ ޖަވާބުގައި ބުނަމެވެ. ދުލުކޮޅުން ޝަހާދަތް ކިޔުމަކުން ސުވަރުގެ ވަދެވޭނެ ކަމަށް އިޢްތިގާދު ކުރުމަކީ ނުވަތަ ގަބޫލު ކުރުމަކީ ގުރްއާނާއި ސުންނަތް އަދި ޢިލްމުވެރިންގެ އިޖްމާޢާއި ޚިލާފު ކަމެކެވެ.

ނަރަކައިގެ އެންމެ އަޑީ ވަތްގަޑުގައި ތިބޭ މުނާފިގުން ވެސް ދުލު ކޮޅުން ޝަހާދަތް ކިޔައި ހެދިއެވެ. އަދިކިއެއްތަ، އެބައިމީހުންގެ ތެރޭގައި ނަމާދު ކޮށް، ރޯދަ ހިފާ އުޅުނު މީހުންވެސް ތިއްބެވެ. އެހެންނަމަވެސް، އެބައިމީހުންގެ ހިތުގައި އީމާންކަން ނެތުމުގެ ސަބަބުން އެބައިމީހުންގެ ޢަމަލުތަކަކީ ﷲ ގެ ޙަޟްރަތުގައި ގަބޫލު ކުރައްވާފަދަ ޢަމަލަކަށް ނުވިއެވެ. ޝަހާދަތުގެ ދެކަލިމަ ކިޔުމާއި އެކު އެމީހާގެ ހިތުގައިވެސް އީމާންކަން ދެމެހެއްޓުމުން މެނުވީ ސުވަރުގެ އަކަށް ނުވަދެވޭނެއެވެ.

والله أعلم

އެޑިޓަރުގެ ނޯޓް: ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފަކީ ފިގްހް ޢިލްމުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ދީނީގޮތުން ދިވެހި ރައްޔިތުންނަށް އޮޅުން އަރާފައިވާ ގިނަގުނަ ކަންތައްތަކެއް އޮޅުންފިލުވައިދެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *