ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި މި ސަރުކާރުން މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް މ. ރަތްމަންދު އަށް ވަޑައިގެން އެ ރަށުގައި ހުންނަވައި ޝާހިދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ފެއްޓެވި ތަރައްގީ މަޝްރޫއުތައް އެ ރަށުން ފެންނަން ހުރި ކަމަށެވެ.
ޝާހިދު ވިދާޅުވީ ސޯލިހްގެ ވެރިކަމުގައި ފައްޓާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު %90 ނިމިފައިވާ ކަމަށާއި އިންޖީނުގޭގެ މަސައްކަތްވެސް ގާތްގަނޑަކަށް ނިމިފައި ހުރި ކަމަށެވެ. އަދި އެ ނޫން ވެސް މަޝްރޫއުތައް ފެށިފައި އެކި އެކި މަރުހަލާތަކުގައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި މި ސަރުކާރުންވަނީރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލާފަ!
ރަތްމަންދޫގެ ހުރިހާ މަޝްރޫޢެއްވަނީ ހުއްޓާލާފައި.
މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް، މިސްރާބު ހަމަމަގަށް ގެންދިޔުމަށް އެމްޑީޕީ ކެންޑިޑޭޓުންނަށް މުޅި ރާއްޖެއިން ވޯޓު… pic.twitter.com/QC4JI1Fpvf
— Abdulla Shahid (@abdulla_shahid) March 23, 2024
"މިއަދުގެ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްޤީގެ ހުރިހާ މަޝްރޫއެއް ވަނީ ހުއްޓާލައްވާފައި. މި ރަށުގެ ހުރިހާ މަޝްރޫއުތަކެއް ވަނީ ހުއްޓާލައްވާފައި." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މިދިޔަ ސަރުކާރުން 2023 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.7 ބިލިއަން ރުފިޔާ ހޭދަ ކުރެއްވި ކަމަށެވެ. ނަމަވެސް މިސަރުކާރުގެ ފުރަތަމަ ތިން މަސް ދުވަހު 300 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށުގައި ފަށާފައިވާ ތަރައްޤީގެ މަސައްކަތް ވީރާނާވެ ގެނެސްފައިވާ ތަކެތި ބޭކަރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިސްރާބު ހަމަ މަގަށް އަޅުވަން ޖެހެނީ މި ސަބަބަށްޓަކައި،" ޝާހިދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ