ޅެންވެރިކަން ކުރިއެރުވުމަށް ފަރުދުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަ ކުރެވެމުންދާ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި އެކްސް ޕޯސްޓެއްގައި ނާއިބު ރައީސް ވިދާޅުވީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، މި ފަންނުގައި ޙަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް އަރިސްކުރައްވާ ކަމުގައެވެ.
އަދި ނައިބު ރައީސް ވިދާޅުވީ ޤައުމިއްޔަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި، ދިވެހި އަދަބިއްޔާތުގައި ހިމެނޭ މިފަދަ ފަންނުތައް ކުރިއެރުވުމަށް ފަރުދުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމުގައެވެ.
ޅެންވެރިކަމާއި ދިވެހި އަދަބިއްޔާތުގައި ހިމެނޭ ފަންނުތައް ދިރުވާ އާލާކޮށް ކުރިއެރުވުމަށް ސަރުކާރުން ވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ނަމުގައި ޚާއްސަ ވުޒާރާއެއް އުފައްދަވާފައެވެ.
އެވުޒާރާއިން އަންނަނީ ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޤައުމިއްޔަތާ ގުޅުންހުރި ކޮލެޖެއް އުފެއްދެވުމާއި ޤައުމިއްޔަތުގެ ބަހާތައް ދިރާސާކުރުމަށް ޤައުމީ މަރުކަޒެއް އުފައްދަވާ ދިރާސާތައް ފެށުމުގެ މަސައްކަތްތައް އަންނަނީ ކުރައްވަމުންނެވެ.
މީގެ އިތުރުން މުޖުތަމަޢުގައި ފޮތްތެރިކަން އާލާކުރުމަށް ޤައުމީ ޗާޕުޚާނާ އަލުން އިޢާދަކުރުމަށާއި ދާދިވަރުކޮށް ތަރިކައިގެ ވާހަކަތައް ބެލޭނެ ގޮތެއް ރަސްރަނި ބަގީޗާގައި ޤާއިމްކުރުމަށް ދިވެހިބަހާ ސަގާފަތާއި ބެހޭ ވުޒާރާއިން ވަނީ ނިންމަވާފައެވެ.