މިދުވަސްވަރު އާދަޔާ ހިލާފަށް ހޫނު ގަދަވެފައި، ރަމަޟާން މަސް ވެސް ދިމާވެފައިވާތީ މާލެ ސަރަހައްދުގައި ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.
ފަހުމީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދުވަސްވަރަކީ މި އަހަރު ރާއްޖެ އަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފައިވާ ކަމަށެވެ. އަދި ރޯދަ މަހަކީ ކަރަންޓު ބޭނުން ކުރާ މިންވަރު އެހެން މަސް މަހަށް ވުރެ އިތުރު މަހެއް ކަމުން ކަރަންޓު ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ފަހުމީ ވަނީ އިލްތިމާސް ކުރައްވައިފައެވެ.
މިދުވަސްވަރަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރުކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީއާއި އަދި ރޯދަ މަހަކީ، ކަރަންޓުގެ ބޭނުންކުރާ މިންވަރު އެހެން މަސްމަހަށްވުރެ އިތުރު މަހަކަށްވުމުން މިދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ޚާއްސަ ސަމާލުކަމެއް…
— Hussain Fahmy (@u09HussainFahmy) March 20, 2024
ސްޓެލްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ނަމަ، އެވްރެޖް މަހެއްގައި ގްރޭޓާމާލެ ސަރަޙައްދުގައި 94 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުން ކުރާ އިރު، މި ދުވަސްވަރު 104.7 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުން ކުރަމުންދާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
"އެހެންކަމުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަ ކުރުމަށް، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރެއްވުމަށާއި، މި ދުވަސްވަރު ކަރަންޓު އިގްތިސާދު ކުރެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަން." ފަހުމީ ވިދާޅުވިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހިއްސާކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރު އެންމެ ހޫނު ގަދަވި ދުވަހު އިހްސާސް ކުރެވޭ ހޫނު މިން ހުރީ 42 ޑިގްރީ ސެލްސިއަސްގައެވެ.މިދިޔަ އަހަރު އެންމެ ހޫނުގަދަވި ދުވަސްވަރު މާލޭ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން 45 ޑިގްރީ ސެލްސިއަސް އަށް އެރިއެވެ.
ކޮމެންޓު ފޮނުވާ