ރާއްޖޭގައި 7 ހޮސްޕިޓަލު އަޅަން ކުވެއިތު ފަންޑުން ދީފައިވާ އެހީތައް އަނބުރާ ގެންގޮސްފައިވަނީ .އެ ފަންޑުގެ ޕްރޮކިއުމެންޓް އުސޫލާ ހިލާފަށް މަޝްރޫޢުތާއް އެވާޑް ކޮށްފައިވާތީކަމަށް ހެލްތު މިނިސްޓަރ ޑރ. ޚަލީލު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މިއަދުގެ މަޖިލީހަށް ވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުވައިތު ފަންޑުގެ އެހީގައި ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތައް އިމާރާތްކުރަން ސޮއިކުރިއެވެ. ދިވެހި ކުންފުންޏެއް ކަމަށްވާ ޑެޕްލެކްސް ޕްރައިވެޓްއާ ހަވާލުކުރީ އދ. މާމިގިލި އާއި ހދ. ހަނިމާދު، ވ. ފެލިދޫ އަދި ތ. ވިލުފުށީގައި ހޮސްޕިޓަލް ހެދުމަށެވެ. ނ. ވެލިދޫ އާއި ށ. މިލަންދު އަދި ކ. ތުލުސްދޫގައި ހޮސްޕިޓަލް އިމާރާތްކުރަން ހަވާލުކުރީ އާނަންދު ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާއެެވެ.
ކުވެއިތު ފަންޑުން ކުރީ ސަރުކާރުމން ކުރިޔަށް ގެންދަން ރޭވި މަޝްރޫޢުތަކަށް ހަމަޖެއްސި ފައިސާ އަނބުރާ ގެންގޮސްފައިވާކަމަށް ރައީސް މުއިއްޒުވެސް ވަނީ ފާއިތުވި ފެބްރުއަރީމަހުގެ 26 ވަނަ ދުވަހު ހދ. ހަނިމާދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ފަންޑު އަބުރާ ގެންދިޔައީ މިދިޔަ ސަރުކާރުން އެ ފަންޑުގެ ބޭނުން ނުކޮށް ޕްރޮޖެކްޓުތައް ހިންގުން ލަސް ކުރުމުގެ ސަބަބުން ކަމުގައެވެ.
މިކަމަށް އޮތީ ކުވައިތު ފަންޑުން ހިލޭ އެހީ ހަމަޖައްސައި ދީފައި. ވަރަށް ކަނުލާ އަޑު އެއްސެވުން އެދެން. ކުވައިތު ފަންޑުން ހިލޭ އެހީ ހަމަޖައްސައި ދީފައި އޮތީ. ނަމަވެސް މިދިޔަ ސަރުކާރުން އެ ފަންޑުގެ ބޭނުން ނުކޮށް މި ޕްރޮޖެކްޓުތައް ހިންގުން ލަސް ކުރަމުން ގޮސް ކުވައިތު ފަންޑުން އެންމެ ފަހުން ފަންޑު އަނބުރާ ގެންދިޔައީ.
ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް މިއަދު ރައްޔިތުންގެ މަޖިލިހުގައި ވާހަކަ ދައްވަމުން ހެލްތު މިނިސްޓަރ ޑރ. ޚަލީލް ވިދާޅުވީ ފަންޑު އަނބުރާ ގެންދިޔައީ ސަރުކާރުން ކުވެއިތު ފަންޑުގެ ޕްރޮކިއުމެންޓް އުސޫލާ ހިލާފުވެގެން ކަމަށެވެ.
ވަކި އުސޫލުތަކެއް ހުރޭ ރާއްޖެއިން އެސެސް ކުރުމަށް ފަހުގައި އެޖެންސީތަކަށް މި ފޮނުވަނީ އަޅުގަނޑަށް މައުލޫމާތު ލިބޭގޮތުން ވަކި ގޮތަކަށް ރާއްޖެއިން އޭރުގައި އެވޯޑް ކުރުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް ބޭނުންވުމާ އެއްކޮށް ވަނީ ކުވެއިތު ފަންޑުން އެކަން ހުއްޓާލާފައި، ކުވެއިތު ފަންޑުގެ ޕްރޮކިއުމެންޓް އުސޫލާ ހިލާފަށް ކުރިއަށް ދިޔަ ކަމަކަށްވާތީ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ.
މިއަދުގެ މަޖިލިސް ޖަލްސާގައި މިކަމާ ގުޅިގެން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޚަލީލް ވިދާޅުވިއެވެ.
މިނިސްޓަރު ޚަލީލް ވިދާޅުވީ އިންޓަނޭޝަނަލް ފަންޑިން އެޖެންސީތަކަކީ އެ އެޖެންސީތަކުން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ޕްރޮކިއުމަންޓް ކަންކަން ކުރިއަށްގެންދަންޖެހޭ އެޖެންސީތަކެއްކަމަށެވެ.
މި ސަރުކާރުން އެ ފަންޑު އަނބުރާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ޚަލީލް ވިދާޅުވިއެވެ. އަދި ހޮސްޕިޓަލްތައް އެޅުމަށް ބޭނުންވާ ފަންޑު އެހެން ގޮތަކުން ހަމަޖެހޭތޯ މަސައްކަތް ކުރަމުންދާކަންވެސް ފާހަގަ ކުރެއްވިއެވެ.