އަނަސްގެ މަރުގެ މައްސަލަ ޕީޖީން ހައި ކޯޓުގައި އިސްތިއުނާފް ކުރަނީ

އަނަސްގެ މަރުގެ މައްސަލަ ޕީޖީން ހައި ކޯޓުގައި އިސްތިއުނާފް ކުރަނީ

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ދައުވާ ކުރި އެންމެވެސް ކުށް ސާބިތު ނުވެ ދޫކޮށްލުމާއި ގުޅިގެން އެމައްސަލަ އިސްތިއުނާފް ކުރުމަށް ޕީޖީ އޮފީހުން ނިންމައިފިއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުން ބުނެފައިވަނީ އަނަސް މަރުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށާއި އަދި އެކަމާ ގުޅިގެން ކުރަންޖެހޭ ތައްޔާރީތައް މިހާރު ކުރަމުންދާ ކަމަށެވެ.

މީގެ ހަތް އަހަރު ކުރިން މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ، ރ.މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައިގައި، ކްރިމިނަލް ކޯޓުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ލިބުމުން، މި މައްސަލައިގައި އިތުރަށް އަޅާނެ ފިޔަވަޅުތައް ނިންމަވާނެކަމުގެ ޔަގީންކަން ޕްރޮސެކިއުޓަރ ޖެނެރަލް ދެއްވާފައިވާކަމަށް ދާޚިލީ ވުޒާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

އެ ވުޒާރާއިން މިހެން ބުނެފައި ވަނީ، އަނަސްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި 7 މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސްބަޔާނެއްގައެވެ.

ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، ހެކީގެ ގޮތުގައި ހުށަހެޅި ފޮޓޯތަކާއި ވީޑިއޯ ފުޓޭޖުތަކުން ފެންނަނީ ދައުވާ އުފުލާފައިވާ މީހުން ކަން ކަށަވަރުކޮށްދޭނެ ނޫނީ އެ ކަމަށް ބާރު ދޭނެ އިތުރު ހެކި ނެތް ކަމަށެވެ. އަދި ސިއްރު ހެކިވެރިންގެ ހެކިބަހުންނާއި، ހަބީރުންގެ ހެކިބަހުން ވެސް އެކަން ސާބިތު ނުވާކަމަށެވެ.

މި މައްސަލާގައި ދާޚިލީ ވުޒާރާއިން ނެރުނު ނޫސްބަޔާނުގައި، މި މައްސަލައިގައި ދައުލަތުން 7 މީހެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާކަން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އެ 7 މީހުން މިނިވަންކޮށްފައިވާއިރު، އަނަސްއަށް ހަމަލާދީފައިވަނީ، އާންމުންގެ ތެރޭގައި ކަމަށްވެފައި، އެހާ ހާމަކަން ބޮޑު ގޮތެއްގައި މީހެއްގެ ފުރާނައަށް ގެއްލުން ދިނުމުން ވެސް، އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކަށް އަދަބު ނުލިބި ދިއުމަކީ، ތަންފީޛީ އިދާރާތަކާއި ޢަދުލު އިންސާފު ގާއިމްކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނެކަމެއްކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި ހަމައެހެންމެ، މިކަމުގެ ސަބަބުން ޤާނޫނުގެ ބާރު ނެގެހެއްޓުމަށް ހުރަސްއެޅި، ކުށްކުރާ ފަރާތްތަކަށް ކުށް ކުރުމަށްފަހު ޤާނޫނީ އަދަބުން ބަރީއަވެވޭނެކަމުގެ ޔަގީންކަން ލިބިގެންދާނެކަން ވުޒާރާއިން ނެރުނު ބަޔާނުގައި ހިތާމައާއެކު ފާހަގަކޮށްފައިވެއެވެ.

މިކަންކަމަށް ރިއާޔަތްކޮށް، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި، ޤާނޫނުގެ ބާރު ނެގެހެއްޓުމަށް، ޖިނާއީ އަދުލުގެ ނިޒާމްގެ ތެރޭގައި ހިމެނޭ ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން މިހާރު ފަށާފައިވާކަން ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާކޮށް، ކުށްކުރާ ފަރާތްތަކަށް ހައްގު އަދަބުދީ، އިންސާފު ޤާއިމްކުރުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން، ދައުލަތުގެ ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އަނަސްއަށް ހަމަލާދީ މަރާލުމުގެ ތުހުމަތުގައި، ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވަނީ ލ. ގަން، ތުނޑި، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އަދި ދަފްތަރު ނަންބަރު 1746، ސިމާހް މޫސާގެ މައްޗަށެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައި ވަނީ ޅ. ކުރެންދޫ އަސުރުމާގޭ އަހްމަދު ޒަޔާނާއި މ. ދިމިޝްގުގޭ އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގުގެ މައްޗަށެވެ.

ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ، "ދުޝްމަނެއް ކަމަށް ހީކޮށް އޮޅިގެން" އަނަސް މަރާލީ މާލޭގައި ހިންގާ ލިޓަސް ސާވިސް ސެންޓަރު ތެރޭގައެވެ. އެ މަންޒަރު ފެންނަ ވީޑިއޯ ވެސް މީގެކުރިން އާންމުވެފައިވާއިރު، ވަޅި ހިފައިގެން ތިން ގްރޫޕެއް އައުމުން މަގުމަތީގައި ހުރެފައި އަނަސް އައިސް ދުވެފައި ވަންނަނީ ލިޓަސް ގަރާޖަށެވެ. ގޭންގު މެންބަރުން އައިސް ގަރާޖު ތެރެއަށް ވަދެ ފަހަރަކު މީހަކު އަނަސް ގަޔަށް ވަޅި ހަރަމުންދިޔަ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *