ސަލާހުއްދީން ސްކޫލަށް ދެ ދަންފަޅިއަށް ބަދަލު ކުރަނީ

ސަލާހުއްދީން ސްކޫލަށް ދެ ދަންފަޅިއަށް ބަދަލު ކުރަނީ

ކުރިއަށް އޮތް ދިރާސީ އަހަރަށް ހުޅުމާލެ 2 ގައި ހުންނަ ސަލާހުއްދީން ސްކޫލަށް ދެ ދަންފަޅިއެއް ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ސަލާހުއްދީން ސްކޫލް އުފެދުނީއްސުރެ، ހުޅުމާލެ 2 ގެ އާބާދީ އިތުރުވުމާ އެއްވަރަށް، އެ ސްކޫލަށް ވަންނަން އެދޭ ދަރިވަރުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ.

އެ ސްކޫލުގައި މިހާރު ކިޔަވައިދެނީ 2،053 ދަރިވަރުންނަށެވެ. ސަލާހުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދްރީސް މިއަދު ވިދާޅުވީ އަންނަ ދިރާސީ އަހަރަށް ދެ ދަންފަޅިއަށް ބަދަލުވުމަށް މިނިސްޓްރީން ރަސްމީކޮށް އަންގާފައިވާ ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން އަލަށް ކިޔަވާ ގިނަ ދަރިވަރުންނަށް ސްކޫލަށް ވަނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު ފޭސްބުކްގައި ކުރެއްވި ޕޮސްޓެއްގައި ވިދާޅުވީ ހުޅުމާލެ 2 ގެ ދެވަނަ ފިޔަވަހީގައި ސްކޫލްތަކުގެ ޖާގަތަކަށް ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ ދިރާސީ އަހަރު ނިމޭއިރު 1،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، މިހާތަނަށް 800 އަށް ވުރެ ގިނަ ރިކުއެސްޓް ލިބިފައިވާ ކަމުގައެވެ.

"ދެވަނަ ފިޔަވަހީގައި ސްކޫލްތަކުގެ ޖާގަ ހޯދުމަށް މިހާތަނަށް 800 އަށް ވުރެ ގިނަ ރިކުއެސްޓް ލިބިފައިވޭ. މި ދިރާސީ އަހަރު ނިމޭއިރު އެ އަދަދު 1،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވޭ،" މިނިސްޓަރު ލިޔުއްވާފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލެ 2 ގައި ދިރިއުޅޭ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ސެޝަންތައް ދެ ދަންފަޅިއަށް ބަދަލުކޮށްގެންނަމަވެސް އެ ދަރިވަރުންނަށް ފުރުސަތު ތައް ފަހިކޮށްދެއްވާނެ ކަމުގައެވެ. އިސްމާއިލް ޝަފީއު ވިދާޅުވީ މިއީ އެ ސަރަހައްދުގައި ދިރިއުޅޭ ކުދިންނަށާއި ބެލެނިވެރިންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

ސަލާހުއްދީން ސްކޫލަކީ 1700 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. އެ ސްކޫލުގައި ޖުމްލަ 60 ކްލާސްރޫމް ހުންނައިރު، އެ ސްކޫލުގައި ހަތަރު ކްލާސް ވަނީ އިންކްލޫސިވް އެޑިއުކޭޝަނަށް ހާއްސަކޮށްފަ އެވެ. ދިރާސީ އާ އަހަރަށް މި ސަރުކާރުން ބަދަލުތަކެއް ގެންނަން ނިންމާފައިވާތީ، މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން އަންނަ މަހު ނިމޭނެ އެވެ. 2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މޭމަހުގެ 26 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *