ޑްރޯންތަކުގެ އެހީގައި ރާއްޖެ ބެޖެހެއްޓުމާއި މިއަދު ދިވެހި ސިފައިން ހަވާލުވާނެ

ޑްރޯންތަކުގެ އެހީގައި ރާއްޖެ ބެޖެހެއްޓުމާއި މިއަދު ދިވެހި ސިފައިން ހަވާލުވާނެ

Author
ހުސެއިން
15 މާރޗް 2024 02:35
0

ތުރުކީގެ ބައިރެކްތާރު މަރުކާގެ ޑްރޯންތަކާއެކު ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމާއި ދިވެހި ސިފައިން ރަސްމީކޮށް ހަވާލުވާން މިއަދު ފަށާނެއެވެ.

މިއީ ދުނިޔޭގެ ޑްރޯން ޓެކްނޮލޮޖީގެ އެންމެ އެޑްވާންސް ޑްރޯންތަކެވެ. އެއީ ބައިރެކްތާރު ޓީބީ2 މޮޑެލްގެ ޑްރޯންތަކެވެ.

މިއީ އެންމެ ޒަމާނީ އަސްކަރީ އަދި މުއާސަލާތީ އާލާތްތަކާއެކު އުފައްދާފައިވާ ޑްރޯންތަކެއްކަންވެސް ފާހަގަކޮށްލެވެއެވެ.

މިގޮތުން މި ޑްރޯންތަކަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 ފޫޓަށް ވުރެ މަތިން ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯންތަކެވެ.

އަދި 70 އާއި 120 ނޯޓުގެ ސްޕީޑްގައި ދުއްވުމުގެ ގާބިލްކަން ލިބިފައިވާ މި ޑްރޯންތަކަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް ބޭނުން ކުރަމުން އަންނަ ވައްތަރެއްކެވެ.

މި ޑްރޯންގައި ލޭޒާ ގައިޑަޑް މިސައިލް ހަރު ކުރުމުގެ ގާބިލްކަންވެސް ލިބިފައި ވެއެވެ.

މި ޑްރޯންތަކުގެ އެހީގައި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ބާއްވާ ރަސްމިއްޔާތު މިއަދު ނ. މާފަރުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިއްޔެ އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވީ، އެމްއެންޑީއެފްގެ ޔޫއޭވީގެ އުދުހުންތަކެެއް މާފަރުގައި ކުރިއަށް ގެންދެވުނު ކަމަށެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ޑްރޯންތަކަށް ދިވެހި ސިފައިން އަހުލުވެރިކުރުވުމަށް ތުރުކީގައި ހާއްސަ ތަމްރީނުތަކެއްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

24 ގަޑިއިރު ތެރޭ ހުއްޓުމެއް ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ ނިޒާމް މި މަސް ތެރޭގައި ގާއިމް ކުރާނެ ކަން ރައީސް ވަނީ އިއުލާންކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.