ޗިކަން ބަޓަފްލައި އަކީ ވަރަށް އަވަހަށް އަދި އެހާމެ މަދު ސާމާނު ބޭނުންކޮށްގެން ތައްޔާރު ކޮށްލެވިދާނެ ވަރަށް ތަފާތު ބާވަތެކެވެ. މި އަހަރުގެ ރޯދަމަހުގެ ސުފުރާ ފަޅު ފިލުވައިލުމަށް ތައްޔާރު ކޮށްލަން ރަނގަޅު ބާވަތަކަށް ވާނެއެވެ.
ބޭނުން ވާނެ ތަކެތި:
- ދެ އަލުވި (ބޮޑު)
- 1 ޗިކަން ބްރެސްޓް
- 2 މޭޒުމަތީ ސަމުސާ ޕްލޭން ޔޯގަޓް
- 1 ސައި ސަމުސާ މިރުސް ޕައުޑަރު
- 1/2 ސައި ސަމުސާ އަސޭމިރުސް ޕައުޑަރު
- 1 ސަމުސާ ކުކުޅު ހަވާދު
- 2 މޭޒުމަތީ ސަމުސާ ތެޔޮ
- 2 މޭޒުމަތި ސަމުސާ ކޯން ފްލާ
- 1/2 ޖޯޑު ފެން
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ކުކުޅު ކޮޅު 1 އިންޗި 1 އިންޗި ހުންނަ ވަރަށް ކޮށައިލާށެވެ. އެއަށް ފަހު ޔޮގަޓް، މިރުސް ޕައުޑަރު، އަސޭމިރުސް ޕައުޑަރު އަދި ހަވާދު ކޮޅު އަަޅައި ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު 1 ގަޑި އިރު ވަންދެން މެރިނޭޓް ކޮށްލާށެވެ.
މެރިނޭޓް ވުމުން ތަވައަކަށް ތެޔޮ ކޮޅު އަޅައި ހޫނުވުމުން މަސްކޮޅު އަޅައި ރޯ ފިލުވާލާށެވެ. ނަމަވެސް މަސްކޮޅު ރޯފިލުވާލާނީ 50% އަށެވެ. ދެން ހިހޫ ކުކުމަށް ބަހައްޓާށެވެ.
އަލުވި މަށާލުމަށްފަހު ދިގު ފޮއްޗަށް ވާގޮތަށް ތުނި ކޮށް އަލުވި ފޮތިތަކެއް ނަގާށެވެ. އަލުވި ފޮތިތަށް ހުންނަންވާނީ ޕޮޓޭޓޯ ޗިޕްސް ހުންނަ ތުނިމިނުގައިއެވެ. ފެނާއި ކޯން ފްލާ ކޮޅު އެއްކޮށްލާށެވެ. މަސްކޮޅު ލުމުގެ ކުރިން އަލުވި ފޮތި ކޯންފްލާ ފެންކޮޅު ތެރެއަށް ލާށެވެ. އެއަށް ފަހު ދެން އަލުވި ފޮތި ތެރެއަށް މަސްކޮޅު ލުމަށް ފަހު ޓޫތް ޕިކް އެއް ބޭނުން ކޮށްގެން މަސްކޮޅާއި އެކު އަލުވި ކޮޅު ހައްޔަރު ކޮށްލާށެވެ.
ހުރިހާ ޗިކަން ބަޓަފްލައި ތަކެއް ތައްޔާރު ކޮށްލުމަށްފަހު ތެލުލާށެވެ. އަލުވި ފޮތި ތަށް ރަނގަޅަށް މުރަނަ ވުމުން ތެޔޮ ގަނޑުން ނަގާށެވެ. މިހާރު ހުންނާނި ޗިކަން ބަޓަފްލައި ތައްޔާރުވެފައިއެވެ.