އިންތިޤާލީ އަދާލަތު ޤާނޫނަކީ އަނދަގޮނޑިއެއް، ރައީސް ޞާލީހުވެސް ސަލާމަތެއް ނުވާނެ: އ.ޝަރީފް

އިންތިޤާލީ އަދާލަތު ޤާނޫނަކީ އަނދަގޮނޑިއެއް، ރައީސް ޞާލީހުވެސް ސަލާމަތެއް ނުވާނެ: އ.ޝަރީފް

Author
މުޙައްމަދު ޖިމީ
18 ޑިސެމްބަރ 2020 10:26
0

އިންތިޤާލީ އަދާލާތުގެ ޤާނޫނަކީ ސަރުކާރު ހިންގާ ކޯލިޝަންގެ ވެރިން "އަނދަ ގޮނޑި" ޖަހައިގެން ގެންގުޅުމަށް އުފެއްދި ދަންތުރެއްކަމަށް ޕީއެންސީގެ ނާއިބު ރައިސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު ދުވަހުން ފެށިގެން، ހިންގާފައިވާ ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު މައްސަލަތައް ބެލޭގޮތަށް އިންތިޤާލީ އަދާލަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާތީ، އާދަމް ޝަރީފް ވިދާޅުވީ، އެޤާނޫނަކީ ވެރިކަންކުރާ ކޮންމެ މީހަކު ޖަލަށް ލުމަށް ހެދި ދަންތުރެއްކަމަށެވެ.

ތިޔަ ދަންތުރައިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ސަލާމަތެއް ނުވާނެ. ބަދަލު ހިފުމުގެ ޘަޤާފަތް ބަދަލުކުރަންޖެހޭ

– މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، ރައީސް ތަސްދީޤްކުރެއްވި އިންތިޤާލީ އަދާލަތުގެ ޤާނޫނުގައި ބުނެފައިވަނީ، ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި ފިޔަވަޅު އެޅޭނެކަމަށެވެ.

މީގެ އެތައް އަހަރެއް ކުރިން ފެށިގެން ހިނގާފައިވާ ލާއިންސާނީ ޢަމަލުތައް ބެލުމަށް ޤާނޫނެއް ފާސްކޮށްފައިވާއިރު، އެންމެ ފުރަތަމަ މިސަރުކާރުގެ ހުރި މައްސަލަތައް ބެލުމަށް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. އަދި މިއީ ބަދަލު ހިފުމުގެ ރޫހެއްގައި މިސަރުކާރުން ގެނައި ޤާނޫނެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.