ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގެ 4 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެމްއައިޓީގެ އެހީ ލިބޭނެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ޕްރޮގްރާމް ހިންގުމަށް އެހީ ތެރިކަން ދިނުމާގުޅޭގޮތުން އެކުލަވާލި އެމްއޯޔޫގައި، ސޮއިކުރުން އޮތީ މިއަދު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެމްއޯޔޫ ގައި ސޮއިކުރެއްވީ އެމެއައިޓީ ގެ ޑިރެކްޓަރ އޮފް ޕްރޮގްރާމް އާދަމް ހަލީމާއި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޝުހެއިލް އަޙްމަދެވެ.

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އެ ކޯޕަރޭޝަނުން، ޤައުމަށް ޚިދުމަތް ކުރާނެ ދިވެހިން ތަރައްޤީ ކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެޗްޑީސީން ބުނެއެވެ. މިކަމާ ގުޅޭގޮތުން އެމްއައިޓީއާއެކު މި ވީއެއްބަސްވުމުގެ ދަށުން މި ޕްރޮޤްރާމް ހިންގުމަށް ބޭނުންވާ، ތަމްރީންތައް ދިނުމުގައި، ޙާއްސަކޮށް ކްލާސްރޫމް ތަކުގައި ބާއްވާ ސެޝަންތަކާއި މި ޕްރޮގްރާމްއަށް ބޭނުންވާ ކަރިކިއުލަމް ފަރުމާކުރާނީ އެމްއައިޓީން ކަމަށް އެޗްޑީސީން ބުނެއެވެ.
މިފަހަރު މި ޕްރޮގްރާމްގައި 60 ބައިވެރިންނަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާއިރު މި ބައިވެރިން ޕްރޮގްރާމް ފުރިހަމަ ކުރުމުން ލެވެލް 3 ގެ ސެޓިފިކެޓެއް ލިބޭނެ ކަމަށްވެސް އެޗްޑީސީން މަޢުލޫމާތު ދެއެވެ. 4 މަސްދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ޓިވެޓް އޮތޯރިޓީގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތަށް ކުރިއަށް ގެންދިއުމަށް މި އެމްއޯޔޫގެ ސަބަބަބުން މަގުފަހިވެގެން ދާނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްއަކީ އަބަދުވެސް ފުރިހަމަ ތަރުހީބެއް ލިބޭ ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމް ފުރިހަމަކޮށްގެން މަސައްކަތުގެ މާހައުލަށް ހުނަރުވެރި ޒުވާނުންތަކެއް ނުކުންނަމުން ދާކަން އެޗްޑީސީން ވަނީ ފާހަގަ ކޮށްފައެވެ. އަދި މަސައްކަތް ކުރަނީ މި ޕްރޮގްރާމް އަހަރަކަށްވުރެ އަހަރެއް ފުރިހަމަކޮށް ބޭއްވުމަށް ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
ކޮމެންޓު ފޮނުވާ