މަޖިލިހުގެ އިންތިހާބު އޭޕްރީލް 21 ގައި ބާއްވަން ނިންމައިފި

މަޖިލިހުގެ އިންތިހާބު އޭޕްރީލް 21 ގައި ބާއްވަން ނިންމައިފި

Author
އަހުމަދު
29 ފެބްރުއަރީ 2024 10:16
0

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އަންނަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެކުރިން އިންތިހާބު ބާއްވަން ކަނޑައަޅާފައި އޮތީ އަންނަ މަހުގެ 17 ގައެވެ. އާ ތާރީހާއެކު އިންތިހާބުގެ އާ ވޯޓާސް ލިސްޓު އަލުން އެކުލަވާލަން ޖެހޭނެ އެވެ. އެއީ ކުރިއަށް އޮތް ދޮޅު މަހުގެ ތެރޭގައި މަޖިލިސް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ އަދަދު އިތުރުވާނެތީއެވެ.

މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ އޭޕްރީލް 21 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓު ގުނަން ފަށާނީ 30 މިނެޓުގެ ހުސް ވަގުތުކޮޅަކަށް ފަހުގައި ހަވީރު 4:30 ގައެވެ.

މަޖިލީހުގެ އިންތިހާބުގައި ޖުމުލަ 386 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރެއިން 136 ކެންޑިޑޭޓުންނަކީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނެވެ. ބާކީ އިންތިހާބުގައި ވާދަކުރައްވަނީ އެކިއެކި ސިޔާސީ ޕާޓީތަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ވެރިކަން ކުރާ ޕީއެންސީ، އިދިކޮޅު އެމްޑީޕީ، ޑިމޮކްރެޓްސް، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްޑީއޭއެވެ.

އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ބިލަކީ ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހެކެވެ. އެ އިސްލާހުގައިވާ ގޮތުން ނަމަ، އިންތިހާބުތައް ރޯދަ މަހަކާ ދިމާވާ ނަމަ، އިންތިހާބު ބާއްވަން ވާނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުންނެވެ.

އެ ބިލް މަޖިލިހުން ފާސްކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތަސްދީގު ކުރައްވަން ފޮނުއްވުމުން ރައީސް ވަނީ އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާލައްވައިފައެވެ. އެއާ އެކު މަޖިލިހުން ދެވަނަ ފަހަރަށް އެ ބިލް ފާސް ކުރީ އެއްވެސް ބަދަލެއް ނެތިއެވެ. އެހެންވެ، ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ ލަފާއާ އެކުގައި ރައީސް ޑރ. މުއިއްޒު ވަނީ މިރޭ އެ ބިލް ތަސްދީގު ކުރައްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.