ރަޝިއާގެ އިދިކޮޅު ލީޑަރ ނަވާލްނީގެ ޖަނާޒާ މިހަފްތާގެ ހުކުރު ދުވަހު ބާއްވަނީ

ރަޝިއާގެ އިދިކޮޅު ލީޑަރ ނަވާލްނީގެ ޖަނާޒާ މިހަފްތާގެ ހުކުރު ދުވަހު ބާއްވަނީ

Author
ހުސެއިން
28 ފެބްރުއަރީ 2024 10:01
0

ޖަލުގައި ހައްޔަރު ކޮށްފާ ހުއްޓާ މަރުވި، ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީގެ ޖަނާޒާ ހުކުރު ދުވަހު މޮސްކޯގައި ބާއްވާނެ ކަމަށް ނަވާލްނީގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

ނަވާލްނީ ވަޅުލުމަށް ހަމަޖެހިފައިވަނީ މޮސްކޯގެ ޗާޗެއްގައި ބާއްވާ ވަދާއީ އަޅުކަމަށް ފަހު، މޮސްކޯގެ ބޮރިސޮވްސްކޮޔޭ ގަބުރުސްތާނުގައެވެ. ރަޝިއާގެ އިދިކޮޅު ލީޑަރުގެ އަނބިކަނބަލުން ޔޫލިއާ މިއަދު ދެއްވި ތަގުރީރެއްގައި ވިދާޅުވީ ޖަނާޒާ އޮންނާނީ ސުލްހަވެރިކޮށް ކަމެއް ނުވަތަ އަލްވަދާއު ކިޔަން އަންނަ މީހުން ފުލުހުން ހައްޔަރު ނުކުރާނެ ކަމެއް ނޭނގޭ ކަމަށެވެ.

އާކްޓިކް ޖަލެއްގައި އެލެކްސީ ނަވަލްނީ ކުއްލި ގޮތަކަށް މަރުވީ މި މަހުގެ ކުރީކޮޅު އެވެ. އެތައް އަހަރެއް ވަންދެން އޭނާ އަކީ ވްލަޑިމިއާ ޕޫޓިންއަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. ދުނިޔޭގެ ގިނަ ލީޑަރުންނެކޭ އެއްފަދައިން ރަޝިޔާގެ ރައީސަށް އެލެކްސީ ނަވާލްނީގެ އަނބިކަނބަލުން ވަނީ އޭނާގެ މަރުގެ ތުހުމަތު ކުރައްވާފައެވެ.

އޭނާ މަރުވި ސަބަބާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ތަފްސީލެެއް ހާމަކޮށްފައި ނުވާިރު، ނަވާލްނީގެ ހަށިގަނޑު އޭނާގެ މަންމަ ލިއުޑްމީލާއާ ހަވާލުކުރަން ރަޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ފުރަތަމަ ދެކޮޅު ހެދި އެވެ. އެހެންނަމަވެސް ނަވާލްނީގެ ހަށިގަޑު އާއިލާއާއި ހަވާލުކޮށްފައިވަނީ އޭނާ މަރުވިތާ އަށް ދުވަސް ފަހުންނެވެ.

އަންގާރަ ދުވަހު ނަވަލްނީގެ ތަރުޖަމާނު ކީރާ ޔަރްމީޝް ވިދާޅުވީ އޭނާގެ ޓީމަށް ޖަނާޒާގެ ހަފްލާ ބާއްވާނެ ތަނެއް ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ޖަނާޒާ ބާއްވާ ތަންތަން މުޅިން ބުކްކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު، ޖަނާޒާއަކީ ކާކުގެ ޖަނާޒާކަން އެގުމުން ތަންތަން ދޫކުރުމަށް ދެކޮޅު ހަމުންދާކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.