ޔާމީންގެ ޕާޓީ ރަޖިސްޓްރީ ކުރުމަށް 3،000 ފޯމު ހުށަހަޅައިފި

ޔާމީންގެ ޕާޓީ ރަޖިސްޓްރީ ކުރުމަށް 3،000 ފޯމު ހުށަހަޅައިފި

Author
ހުސެއިން
27 ފެބްރުއަރީ 2024 12:00
0

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތްކުރައްވާ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އުފައްދަން ހުށަހަޅަންޖެހޭ 3000 ފޯމު މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

މިއަދު ޕީއެމްއެފް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވަނީ، ޕާޓީ ރަޖިސްޓްރީ ކުރުމަށް ދިން މުއްދަތު ހަމަވާން ދެ ދުވަހަށް ވެފައި ވަނިކޮށެވެ.

ސިޔާސީ ޕާޓިތަކާބެހޭ ގާނޫނުގައިވާގޮތުން، ސިޔާސީ ޕާޓީ އުފައްދަން ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރަން ލިބެނީ ތިން މަސް ދުވަހެވެ. އެ މުއްދަތު ހަމަވަނީ މި ހަފުތާގެ ބުރާސްފަތި ދުވަހަށެވެ.

އިލެކްޝަންސްއިން ބުނެފައިވަނި ޔާމިންގެ އާ ޕާޓީ އުފެއްދުމަށް ހުށަހެޅި ފޯމުތައް މިހާރު ޕްރޮސެސް ކުރަމުންދާ ކަމުގައެވެ.

ޔާމިން އާ ސިޔާސީ ޕާޓީއެއް އުފައްދާއިރު، އެމަނިކުފާނު ޖަލުހުކުމެއްގައި ހުންނެވުމުން ޕާޓީގެ ލީޑަރުގެ މަގާމުގައު ނުއެއް ހުންނެވޭނެއެވެ. އެހެންކަމުން ޕާޓީ އުފެއްދުމަށް ހުށަހަޅާފައިވަނީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންގެ ނަމުގައެވެ.

ރައީސް ޔާމިން ޕީއެންއެފްއަށް ސޮއި ކުރައްވާފައި ވަނީ އެޕާޓީން ފާއިތުވި ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހު ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. ރައީސް ޔާމިން އެ ޕާޓީއަށް ސޮއި ކުރެއްވި ފޯމާ ހަވާލުވެވަޑައިގަތީ ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލްއެވެ.

ޕީއެންއެފްގެ ނަމުގައި އާ ޕާޓީއެއް ރަޖިސްޓްރީ ކުރުމުގެ ހުއްދައަށް އެދި ހުށަހެޅީ ނޮވެމްބަރު 26ގައެވެ. އަދި އެ ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މެންބަރުންގެ ސޮއި ހަމަކޮށް، ޕާޓީ އުފެއްދުމުގެ މަސައްކަތްތައް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ ނޮވެމްބަރު 29 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުންޖިޗޭ
ރާއްޖޭގެ އެންމެ މަޤުބޫލު ރައީސޭ ކިޔާތީ އަޑުއިވޭ، އެކަމަކު 3000 ފޯމު ހަމަކޮށް ޕާޓީގަނޑު ރަޖިސްޓްރީ ކުރަން ހުށަހެޅޭވަރު މިވީ ދިން ހުއްދަ ކެންސަލްވާން ކައުޓްޑައުން ފަށާފަވަނިކޮށް، މިވަރުވީމަ އެބައެނގޭ ޚިޔާލީ ފޮލާ ކައްކައިގެން ރައްޔިތުން ހައްލައިނުލެވޭނެކަން، ރައްޔިތުން ބޭނުންވަނީ ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް ކުރިއެރުމާއި ތަރައްޤީއާއި ޤައުމުގެ އަމަން އަމާންކަން ދެމެހެއްޓުންކަން، ވަކި މީހަކު މާމޮޅު ވިސްނުމެއް ހުރީތީ ވާނެ މާމޮޅު ފައިދާއެއް އޮތްކަމަކަށް ނުބެލެވޭ، ބޭނުންވަނީ ނަތީޖާ، ކުރިންވެސް ނަތީޖާ ދެއްކި މީހުން މިހާރުވެސް އެއުޅެނީ ކަންކަމާ ޝާމިލްވެގެން، ތިމާ ނޫން މީހަކަށް ނުވާނެކަން ދައްކަން އެކިގޮތްގޮތުން ދުއްތުރާކުރިޔަސް އެކަންވެސް ރައްޔިތުން ދެނެގަންނާނެ، ޙީލަތްތެރި ރޭވުންތަކުން ތިމާގެ އަގު ވެއްޓުންނޫން ކަމެއް ނޯންނާނެ.