ރައީސް ވިދާޅުވިގޮތަށް ސާފިންބޯޑު އުފުލަން ނަގާ އަގު މޯލްޑިވިއަންއިން ކުޑަކޮށްފި

ރައީސް ވިދާޅުވިގޮތަށް ސާފިންބޯޑު އުފުލަން ނަގާ އަގު މޯލްޑިވިއަންއިން ކުޑަކޮށްފި

ސާފިން ބޯޑު އުފުލުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން ނަގާ އަގު ބޮޑުވެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރި ޒުވާނާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، އެ އަގަށް ހެޔޮ ބަދަލެއް ގެނެސްފި އެވެ.

އެގޮތުން މިއަދު މޯލްޑިވިއަނުން ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، އެ އެއާލައިންއިން ބޮޑު ސާފިންގ ބޯޑު އުފުލުމަށް ނަގަމުން އައި އަގުން %33 ކުޑަ ކޮށްފައިވާއި، ކުޑަ ސާފިންގ ބޯޑު އުފުލާ އަގުން %66 މިހާރު ކުޑަކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

އާއްމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައީސްގެ ޖަވާބު" ސިލްސިލާ ޕްރޮގްރާމުގެ ދަށުން ގދ. ގައްދޫ، ފެހިވިނަ، އަޙްމަދު ރަޝީދު ނިމިދިޔަ ހަފްތާ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް ކުރެއްވި ސުވާލުގައި އޭނާ ވަނީ, މޯލްޑިވިއަނުން ލ ސާފް ބޯޑުގެ ސާވިސް ޗާޖުގެ އަގު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާކަމަށާ އަޕް އެންޑް ޑައުން ޓިކެޓް އަދި ސާވިސް ޗާޖާއެކީ 800 ޑޮލަރު މިހާރު ހޭދަކުރަންޖެހޭ ކަން ފާހަގަކުރައްވާފައެވެ.

އޭނާގެ ސުވާލުގެ ޖަވާބުގައި ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މި މައްސަލައަކީ ސާފިންގައި އުޅޭ ފަރާތްތަކަށް މިހާރު ވަރަށް ބޮޑުވެފައި އޮތް ކަމެއް ކަމަށް ޤަބޫލުކުރައްވާކަމަށެވެ. އެހެން ކަމުން އެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް އެމާނިކުފާނު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ތި ވިދާޅުވި ކަންތަކުގައި އަޅުގަނޑު މަސައްކަތް ކޮށްދޭނަން. ތި ވިދާޅުވާ އަގު މޯލްޑިވިއަނުން ސާފް ބޯޑު ގެނައުމަށް ނަގާ ޗާޖު ވަރަށް ބޮޑު އެހެންނޫންތޯ. އެހެންވީމާ އަޅުގަނޑު އެކަމާ ވާހަކަ ދައްކައިގެން އިރާދަކުރެއްވިއްޔާ އެކަމަށް ރަނގަޅު ހައްލެއް ގެނެސްދޭނަން. އަގު ކުޑަކޮށްދޭނަން ވީހާވެސް ބޮޑަކަށް." ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *