ރައީސް ޔާމީން އާއި ޑރ.ޖަމީލް

ޔާމީންގެ އިސްތިއުނާފް ލަސްވަނީ ކޮންމެ އިންތިހާބަކާ ދިމާކޮށް ނުފޫޒުން: ޖަމީލް

ޔާމީންގެ އިސްތިއުނާފް ލަސްވަނީ ކޮންމެ އިންތިހާބަކާ ދިމާކޮށް ނުފޫޒުން: ޖަމީލް

ކުރީގެ އަބްދުﷲ ޔާމީންގެ އިސްތިއުނާފް ލަސްވަނީ ކޮންމެ އިންތިހާބަކާ ދިމާކޮށް ނުފޫޒުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޑިސެމްބަރު 25، 2022 ގައެވެ.

ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރެއްވި އިރު،އިސްތިއުނާފް ޝަރީއަތްތައް މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ވަނީ ނިންމާލައިފަ އެވެ. އެ މައްސަލައިގައި ކުރިއަށް އޮތީ ހުކުމް އިއްވުމަށް ބާއްވަން ޖެހޭ ޝަރީއަތުގެ މަޖިލިހެވެ. އެކަމަކު، މިއަދާ ހަމައަށް އައިއިރު ވެސް އެ މައްސަލައިގައި ހުކުމް އިއްވުމަށް ހައި ކޯޓުން ޝަރީއަތުގެ އަޑުއެހުމެއް ތާވަލްކޮށްފައެއް ނުވެ އެވެ.

ޖަމީލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފަނޑިޔާރުންނަކީ ދުސްތޫރީ ސުޕްރިމަސީ ނަގަހައްޓަން ހުވާކޮށްގެން ތިބި ޒިންމާދާރު، އަދި ސިޔާސީ ނުވެ، ވަކި ފަރާތަކަށް ނުޖެހި ގާނޫނު ދަމަހައްޓަން ތިބި ބައެއް ކަމަށެވެ.

މިނިވަން ޖުޑިޝަރީއެއްގެ އެންމެ މުހިންމު އަސާސީ އެއް ސިފައަކީ، އެއްވެސް ބިރެއް ނުވަތަ ޖެހިލުމެއް ނެތި ވަކި ފަރާތަކަށް ބަރޯސާ ނުވެ އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނެތި މަސައްކަތް ކުރުން ކަމަށްވެސް ޖަމީލް ވިދާޅުވި އެވެ. އަދި އެއްވެސް ދިމާލަކުން އަންނަ ނުފޫޒަކަށް މިނިވަން ޖުޑިޝަރީއެއްގައި ތަބާ ނުވާނެ ކަމުގައި ޖަމީލް ވިދާޅުވި އެވެ.

"ނަމަވެސް އިންތިހާބުތަކާ ދިމާކޮށް ރައީސް ޔާމީންގެ މައްސަލައިގެ އިސްތިއުނާފް ކޯޓުތަކުން ލަސްވާ ތަން ފެންނަ އިރު، ރައީސް ޔާމީންގެ މައްޗަށް ކުށެއް ސާބިތު ކުރަން ބޭނުންވީމަ އަވަސް އަވަހަށް ޝަރީއަތްތައް ހިންގައި ހުކުމް ޖަހާ ތަން ވެސް ފެނިގެން ގޮސްފައިވާ  ކަމަށް އެ ބަޔާނުގައިވެއެވެ.

"މި ދެންނެވި ކަންކަމަށް ބަލާއިރު ރައީސް ޔާމީނަށް މިއަދު ގާނޫނުގެ ރައްކާތެރިކަމާއި ހަމަހަމަކަން ޖުޑިޝަރީން ކަށަވަރުކޮށްދޭ ކަމަށް ގަބޫލެއް ނުކުރެވެ އެވެ،" ޖަމީލްގެ ބަޔާނުގައިވެ އެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *