ގދ. ތިނަދޫ ފަޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ އެއަރޕޯޓެއް އެޅުމަށް ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑްއާއެކު ސޮއިކޮށްފައިވަނީ ފަހުމުނާމާއެއްގައި ކަމަށާއި، މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، ޕްރޮޕޯސަލް ހުށަހަޅާ ކުންފުނީގެ ފަންނީ އަދި މާޅި ގާބިލްކަން ކަށަވަރު ކުރާނެ ކަމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.
ތިނަދޫ އެއަރޕޯޓު އެޅުމަށް 600 މިލިއަން ޑޮލަރުގެ މަޝްރޫއު ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑްއާ ހަވާލު ކުރުމާއެކު، އެއީ ޕޭޕަރ ކުންފުންޏެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަޑު ފެތުރިފައި ވަނިކޮށް މިނިސްޓްރީން އާންމު ކުރި ބަޔާނެއްގައި ވިދާޅުވީ ސޮއިކުރީ މަޝްރޫއު ކުރިޔަށް ގެންދިޔުމުގެ އެމްއޯޔޫއެއްގައި ކަމަށާއި ހަގީގީ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ބަލަން ޖެހޭ ކަންތައްތައް ބަލާނެ ކަމަށެވެ.
"މި މަޝްރޫއުގެ ކޮންޓްރެކްޓުގައި ސޮއި ކުރެވޭނީ ޕްރޮޕޯޒަލް ހުށަހަޅާފައިވާ ފަރާތުގެ ފަންނީ އަދި މާލީ ގާބިލިއްޔަތު ކަށަވަރު ކުރުމަށްފަހު، ބަލަންޖެހޭ އެންމެހައި ކަންތައްތައް ބަލައި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރަށް މިނިސްޓްރީން ބުނެފައިވަނީ، ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑުން ހުށަހަޅާފައި ވަނީ ހަތަރު ކިލޯ މީޓަރު ރަންވޭއަކާއި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޕެސެންޖާ ޓަމިނަލް އަދި ސީޕްލޭން ޓާމިނަލެއްގެ އިތުރުން އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ އެންމެހައި ވަސީލަތްތައް ގާއިމު ކުރުމަށް ކަމަށެވެ.
އަދި މިނިސްޓަރީން ބުނީ، މި އެއްބަސްވުމުގެ ދަށުން މަތީ ފަންތީގެ ރިސޯޓާއި ޔޮޓް މެރީނާއަކާއި އަދި ފްލައިން ސްކޫލެއް ތަރައްގީ ކުރުމަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ މިމަޝްރޫއުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާނީ ޕްރޮޕޯސަލް ހުށަހަޅާފައިވާ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑްގެ ފަންނީ އަދި މާލީ ގާބިލްކަން ވަޒަންކޮށް، ބަލަންޖެހޭ އެންމެހާ ކަންކަން ބަލާ ރާއްޖޭގެ ގާނޫނާ ގަވާއިދުތަކިގެ ތެރެއިން ކަމުގައެވެ.
ކޮމެންޓު ފޮނުވާ