ރާއްޖޭގައި ސައިކޯޝޯސަލް ހެލްޕް ލައިނެއް ގާއިމުކޮށް ހިދުމަތް ދޭން ފަށައިފި އެވެ.
ހެލްތު މިނިސްޓްރީއިން ގާއިމްކުރި މި ހެލްޕް ލައިން ތައާރަފްކޮށްދެއްވީ ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއު އެވެ . އެގޮތުން ހެލްޕެ ލައިންގެ ގޮތުގައި ގާއިމްކޮށްފައިވަނީ 1677 އެވެ.
މި ހެލްޕް ލައިނާއި ގުޅޭގޮތުން މައުލޫމާތު ދެމުން ހެލްތް މިނިސްޓްރީން ބުނީ މިއަދު ގާއިމް ކުރި ސައިކޯޝޯސަލް ހެލްޕްލައިންގެ ސަބަބުން ގިނަ ބަޔަކަށް ދިމާވެފައިވާ ނަފްސާނީ ބަލިމަޑުކަމަށް ހައްލެއް ލިބިގެންދާނޭކަމަށެވެ. ސައިކޯޝޯސަލް ހެލްޕްލައިން 1677 އަށް ގުޅައިގެން ބޭނުންވާ ނަފްސާނީ ބަލި މަޑުކަމާއި ގުޅުން ހުރި ހިދުމަތްތައް ލިބިގެންދާނޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
އަދި މި ހެލްޕް ލައިން ނަމްބަރުން ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހިދުމަތް ލިބިގެންދާނޭ ކަމަށާއި ނަފްސާނީ ދުޅަހެޔޮކަމަކީ ވަރަށް ވެސް މުހިންމުކަމެއް ކަމަށް އެމިނިސްޓްރީއިން ބުނެއެވެ.
ހެލްޕް ލައިން ނަމްބަރު ގުޅުމުން ނަފްސާނީ ދުޅަހެޔޮ ކަމާއި ގުޅުން ހުރި މައުލޫމާތުގެ ލިބިގެން ދިޔުމުގެ އިތުރުން، ނަފްސާނީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހުންނަށް އެ ވަގުތުން ވަގުތަށް ދެވެން ހުރި އެހީ ދިނުމާއި، މައްސަލަތައް ހައްލެން ކުރާނޭ ގޮތްތައް ކިޔާ ދިނުމުގެ އިތުރުން އެ މީހަކަށް ބޭނުން ވާނި ކޮން ކަހަލަ ފަރުވާއެއްތޯ ބަލާ އެ ފަރުވާ ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މި ހެލްޕް ލައިނުން ރޭގަނޑާއި ދުވާލުގެ ހުރިހާ ވަގުތެއްގައި ވެސް އެހީތެރިކަން ލިބިގެންދާނެ ކަން މިނިސްޓްރީއިން ފާހަގަކުރެއެވެ.
ނަފްސާނީ އެހީއަށް ބޭނުންވާ މީހާ ކުރާ ހަނގުރާމާއިގައި ބައިވެރިވެ އެ ފަރާތަށް ދޭން ޖެހޭ އެހީތެރިކަމެއް ދިނުން ވަރަށް މުހިންމު ކަމަށާއި އެހެން ކަމުން އެ މިނިސްޓްރީން ވެސް ބައިވެރިވެވެން އޮތް މިންވަރަކުން އެ ކަމުގައި ބައިވެރިވެ އެކަމަށް ދެވޭނެ ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ހެލްތް މިނިސްޓްރީން ދެ އެވެ.