ޓޭކް އޮފް 2024″ގެ ނަމުގައި އެމްއޭސީއެލްއިން ފޯރަމެއް ފަށައިފި

ޓޭކް އޮފް 2024″ގެ ނަމުގައި އެމްއޭސީއެލްއިން ފޯރަމެއް ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ފެބުރުވަރީ 20، 2024 – މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން "ޓޭކް އޮފް 2024" ގެ ނަމުގައި ފޯރަމެއް މިއަދު ފަށައިފިއެވެ.

ކްރޮސްރޯޑްސް ގައި ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ފޯރަމްގެ މައިގަޑު މަގުސަދަކީ އެމް.އޭ.ސީ.އެލްގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތް އެއްމިސްރާބަކަށް ގެންދިއުމަށާއި އަދި މިއަހަރަށް ކަޑައަޅާފައިވާ ލަޑުދަނޑިތައް ޙިއްސާކޮށް އެކަންކަން ޙާސިލުކުރުމަށް އެކުގައި މަސައްކަތް ކުރުމެވެ.  

މި ފޯރަމްގައި އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑައިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުންނާއި، ކުންފުނީގެ ޑިވިޝަން، ޑިޕަރޓްމަންޓްތަކުގެ އިތުރުން ސެކްޝަންތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. 

ފޯރަމް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މެނޭޖިން ޑައިރެކްޓަރ އަދި ސީ.އީ.އޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ދާއިރާއަކީ ވަރަށް އަވަހަށް ބަދަލުތައް އަންނަ ދާއިރާއެއްކަމަށާއި، އެމް.އޭ.ސީ.އެލްގެ އިސްވެރިން އެ ބަދަލުތަކަށް އަހުލުވެރިވެ ތިބުމަކީ މުހިއްމުކަމެއްކަމަށެވެ.

"ހަމައެކަނި ކުރުމުއްދަތުގެ ކަންކަމަށް ފޯކަސްކޮށްގެން ކުރިޔަށް ދިޔުމަކީ މުސްތަޤްބަލު އަޅުގަނޑުމެން އަތުން ގެއްލިގެން ހިނގައިދާނެ ކަމެއް. އަޅުގަނޑުމެންނަކީ ވަރަށް ޑައިނަމިކް، މާކެޓަށް އަންނަ ބަދަލުތަކަށް ވަގުތުން ރެސްޕޮންސް ދޭން އެނގޭ ބަޔަކަށް ވާންޖެހޭނެ. ވަރަށް ގިނަ ފަހަރު ކުންފުނިތައް ފެއިލްވަނީ ދުރުވިސްނުން ނެތުމުގެ ސަބަބުން." ޝަރީފް ވިދާޅުވިއެވެ. 

"ޓޭކް އޯފް 2024" ފޯރަމަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އަހަރުގެ މަސައްކަތްތައް އެކުލަވާލުމަށް، އެމް.އޭ.ސީ.އެލް ބޭއްވި މިފަދަ ފުރަތަމަ ފޯރަމެވެ. ހަމަ މިފަދަ އިތުރު ފޯރަމެއް އަހަރު ނިންމަންވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *