އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް މުއިއްޒު ފޮނުއްވައިފިއެވެ.
އީސީ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި އެކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބްގެ ދައުރު އަންނަ މަހުގެ 13 ވަނަ ދުވަހު ހަމަވާނެއެވެ. ހަބީބްގެ ދައުރު ހަމަވާތީ ރައީސް އޮފީހުން އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލީ ފާއިތުވި ޖެނުއަރީމަހުއެވެ.
އީސީގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވާފައި ވަނީ އެސްޖީ ހަސަންގެ ނަން އެކަންޏެވެ. އެ މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް މިއަދު ވަނީ ފޮނުވާފަ އެވެ.
އީސީގެ އެސްޖީގެ މަގާމަށް ހަސަން އައްޔަނުކޮށްފައި ވަނީ ޖޫން 10، 2021 ގަ އެވެ.
ހަބީބްގެ ދައުރު ހަމަވާއިރު، އީސީން ވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އަންނަމަހުގެ 17 ގައި ބޭއްވުމަށް ނިންމާފައެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލިހުން ވަނީ މަޖިލިސް އިންތިޚާބު ފާސްކުރުމަށް ގާނޫނަށް އިސްލާހު ގެނެސްފައެވެ. އެ އިސްލާހު އަދި ރައީސް މުއިއްޒު ތަސްދީގު ކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ