ޝަހީމް ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

13 ހަފްތާއަކީ ރައީސަކު އަޒުލުކުރަން ޖެހޭ އިންސާފުވެރި ވަގުތެއް ނޫން: ޝަހީމް

13 ހަފްތާއަކީ ރައީސަކު އަޒުލުކުރަން ޖެހޭ އިންސާފުވެރި ވަގުތެއް ނޫން: ޝަހީމް

ގުޅުންހުރި

ތޭރަ ހަފްތާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަޒުލުކުރަން ޖެހޭ އިންސާފުވެރި މުއްދަތެއް ނޫން ކަމަށް ހަމަ ބުއްދި ހުރި އެއްވެސް މީހަކު ގަބޫލު ނުކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ދެކުނުގެ ހަތަރު އަތޮޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި ދަތުރުފުޅުގައި ފުވައްމުލައް ސިޓީ އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި ޝަހީމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ވަގުތަކީ 120 ބިލިއަން ރުފިޔާ އިން ރާއްޖެ ދަރުވާލާފައި އޮތް ވަގުތެއް ކަމަށެވެ. މި ދަރަނީގެ ތެރޭގައި އެތެރޭގެ ދަރަނި ނުހިމެނޭ ކަމަށާއި ވެރިކަމަށް 13 ހަފްތާވެގެން ދިޔައިރު، ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް އެމަނިކުފާނު ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ރާއްޖޭގެ އެތެރޭގެ ދަރަންޏަށް ބަލާއިރު، މުއައްސަސާތައް އޮތީ ދަރާ. ވުޒާރާތައް އޮތީ ދަރާ. ކުންފުނިތައް އޮތީ ދަރާ. މީގެއިތުރުން ރާއްޖޭގެ ގައުމީ ވަހްދަތު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އޮތީ ލޮޅުން އަރާފައި. މިކަންކަމުން ދިވެހި ގައުމު ސަލާމަތް ކުރުމަށްޓަކައި ހިންމަތާއި ހިތްވަރާއި ކެތްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ޒުވާން ވަރު ހުރި ރައީސެއްގެ ވެރިކަން 13 ހަފްތާގެ ތެރޭގައި ގުޑުވާލަން މަސައްކަތް ކުރަނީ އެއީ ކީއްވެގެންތޯ؟" ޝަހީމް ވިދާޅުވިއެވެ.

"13 ހަފްތާއަކީ ރައީސަކު އަޒުލު ކުރަން ޖެހޭ ފަދަ އިންސާފުވެރި ވަގުތެއް ނޫން ކަން ސަލާމަތް ބުއްދި ހުރި ކޮންމެ އިންސާނަކަށް ވިސްނޭނެ."

ޝަހީމް ވިދާޅުވީ މި ޒުވާން ޖީލުގެ ވެރިކަން ގައުމުގައި ނެގެހެއްޓުމަށްޓަކައި ރައްޔިތުން ހިތްވަރާއި އަޒުމާ އެކީގައި އެކަތިގަނޑަކަށްވެ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ރައީސަށް ކާމިޔާބުކޮށް ދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"ރައީސް މުއިއްޒާއި އެމަނިކުފާނުގެ ޓީމު ވެރިކަން ކުރައްވަމުން އެ ގެންދަވަނީ ދިވެހި ގައުމަށްޓަކައި. ދިވެހި ގައުމުގެ ކުރިމަގުގެ ޖީލަށްޓަކައި. ދިވެހި ޒުވާނުންނަށްޓަކައި. ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ މަސްލަހަތަށްޓަކައި." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވި ގޮތުގައި މިދިޔަ 13 ހަފްތާގެ ތެރޭގައި ވަރަށް ގިނަ ދާއިރާތަކުން ގިނަ ކަންތައްތަކެއް ކުރައްވާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިސާލު ނަންގަވައި ޝަހީމް ވިދާޅުވީ ރާއްޖޭގައި އޮތް އިސްލާމީ ވަހްދަތު ދެމެހެއްޓުމަށް މުހިންމު ކަންތައްތަކެއް ކުރަން 14 ހަފްތާގެ ތެރޭގައި ރާވާފައިވާ ކަމަށެވެ. މި ހުރިހާ ކަމަކާއި ފަސް އަހަރުގެ ތެރޭގައި ކުރަން ހުރި ހުރިހާ ކަމެއް ވެސް ފެށިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޒުވާން ޖީލުގެ ވެރިކަމަށް ފުރުސަތު ދޭން ޖެހޭ، އިންސާފުވެރި ވާން ޖެހޭ. ލީޑަރުން ވެސް އިންސާފުވެރި ވާން ޖެހޭ ދިވެހި ގައުމާ މެދުގައި. މިއީ އެއްވެސް ބައެއްގެ އަމިއްލަ ތަރިކައެއް ނޫން. ތިމާ ބޭނުންވާ ގޮތަކަށް ބޭނުންހާ އިރެއްގައި ރާއްޖޭގައި ކުރަން ގާއިމުވެފައި ހުންނަ ވެރިކަން، ރައްޔިތުން އިންތިހާބުކޮށްފައި ހުންނަ ވެރިކަންތައް ފުރޮޅާލައި އަމިއްލަ މަސްލަހަތު ކުރިއެރުވުމަށްޓަކައި ޖާގައެއް ނުދެވޭނެ،" ޝަހީމް ވިދާޅުވިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ