އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރުމަށް 381 މީހުން ފޯމު ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުން ފެށިގެން މިއަދު މެންދުރު ފަހު 2:00 އަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު 381 މީހަކު އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އޭގެތެރެއިން ގިނަ ފޯމުތައް ފަހު ދެ ދުވަހު ހުށަހަޅާފައިވާތީ ހުރިހާ ފޯމެއްގެ ސައްހަކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށް ހަބީބު ވިދާޅުވިއެވެ. ބައެއް ފޯމްތައް ބަލައިނުގެންފާނެތީ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނުކުންނާނީ ވެރިކަން ކުރާ ޕީއެންސީންނެވެ. އެ ޕާޓީން ތިން ދާއިރާ ފިޔަވައި ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރެފައިވެއެވެ. ދެވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީންނެވެ. އެމްޑީޕީން ހަތަރު ދާއިރާ ފިޔަވައި ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ވަނީ ނެރެފައެވެ. ތިން ވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައި ވަނީ ޑިމޮކްރެޓްސް އިންނެވެ. އެ ޕާޓީން 41 ކެންޑިޑޭޓުން ނެރެފައިވެއެވެ.
މީގެއިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ އާއި އެމްއެންޕީން ވެސް ކެންޑިޑޭޓުން ނެރެފައިވެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވެއެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ މަހު 17 ވަނަ ދުވަހުއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު މަޖިލިހުން ފާސް ކުރި ނަމަވެސް އެ ބިލް ތަސްދީގު ކުރުމާ މެދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ގޮތެއް ނުނިންމަވައެވެ. އެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިންތިހާބެއް ރަމަޟާން މަހާ ދިމާވާނަމަ އެ އިންތިހާބެއް ބޭއްވޭނީ ރަމަޟާން މަސް ނިމި، 10 ދުވަސް ފަހުންނެވެ.