ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފަށާ ފުރަތަމަ ޓީމަކަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވެއްޖެއެވެ.
އަންނަ ސީޒަނަށް ތައްޔާރުވާ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ ފަރިތަކުރުންތައް ބޭއްވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ދީފައެވެ. މާޒިޔާއިންް ބުނީ އެ ޓީމުގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ކަމަށެވެ.
މިއަހަރު ކުރީކޮޅު، އޭއެފްސީ ކަޕުގައި ވާދަކުރާ ގޮތަށް އޮތް މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ގައުމީ ޓީމުގެ ޕްރެކްޓިސް ބާއްވަން އެޗްޕީއޭ އިން ހުއްދަ ދިނެވެ. މާޒިޔާ އިން ޕްރެކްޓިސް ވެސް ފެށި ފަހުން އޭއެފްސީން ވަނީ މުބާރާތް ކެންސަލްކޮށްފަ އެވެ. އެއީ ކޮވިޑާ ހެދި އޭއެފްސީ ކަޕްގެ ހުރިހާ ގްރޫޕެއްގެ މެޗުތަކެއް ބޭއްވޭނެ ގޮތެއް ނުފެނުމުންނެވެ. އޭއެފްސީން މުބާރާތް ކެންސަލްކުރުމުން މާޒިޔާ އިން ޕްރެކްޓިސް ހުއްޓާލީ ސީޒަނަށް ފަރިތަކުރުންތައް ފަށަން ހުއްދަ ލިބުމުން ކުރިއަށްދާ ގޮތަށެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19ގެ ބަލީގެ ހާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން ލުއިތައް ދޭން ވިސްނަނީ މަޑުމަޑުން ކަމަށާއި ފުޓްބޯޅަ ފަދަ ކޮންޓެކްޓް ސްޕޯޓްސް އަކަށް ހުއްދަދިނުމުގައި ރިސްކުތަކެއް އެބަހުރި ކަމަށެވެ. އެކަމަކު ހާލަތަށް ބެލުމަށް ފަހު ހުއްދަތައް ދެމުން ގެންދާނެ ކަމަށް ވިދާވި އެވެ.
އެފްއޭއެމުން ކުލަބުތަކަށް ފަރިތަކުރުމުގެ ހުއްދަ ދީފައިވަނީ އާ ގައިޑްލައިނެއް އެކުލަވާލާ، އެޗްޕީއޭގެ ހުއްދަ ހޯދައިގެންނެވެ. މިދިޔަ ބުރާސްފަތި ދުވަހު އެޗްޕީއޭން ވަނީ ފަރިތަކުރުންތައް ބޭއްވުމަށް ހުއްދަދީފައެވެ. ނަމަވެސް އެ ހުއްދަ ކުލަބުތަކަށް ނުދީ މަޑުކޮށްގެން ތިބީ ގައިޑްލައިނެއް ހެދުމަށް ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.
މި މަހު ޕްރެކްޓިސް ފެށިއްޖެނަމަ ކަނޑައަޅާފައިވާ ތާރީހުގައި ފުޓްބޯޅަ ސީޒަން ފަށަން ވެސް ފަސޭހަތަކެއް ވެގެންދާނެކަމަށް އެފްއޭމުން މައުލޫމާތުދެއެވެ. އެފްއޭއެމުން ރާވާފައި އޮތީ އަންނަ ޑިސެމްބަރު މަހު 8 ވަނަ ދުވަހު ފުޓްބޯޅަ ސީޒަން ފަށާށެވެ. ޕްރެކްޓިސްތައް މި މަހު ފަށައިގެން ކަންތައްތައް ރަނގަޅަށް ދާނަމަ ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަން ފެށުމުގެ ފުރުސަތު ބޮޑެވެ.