ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާ މެމްބަރުގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ހަމަޖައްސަވައިފިއެވެ.
ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު ޖޭއެސްސީގައި އިންނަވަން ޖެހެއެވެ. އެމަގާމަށް ޝުޖޫން އައްޔަން ކުރެއްވީ 2019 ގައެވެ. އޭނާގެ ދައުރު ހަމަވާނީ މިއަހަރުގެ ފަހުކޮޅަށެވެ.
ޝުޖޫންގެ ބަދަލުގައި ފަނޑިޔާރު ސުއޫދު އެތަނަށް ހަމަޖެއްސެވިކަން ސުޕްރީމް ކޯޓުގެ "އެކްސް" އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެގޮތަށް ނިންމެވީ ފަނޑިޔާރު ޝުޖޫން ވަކިކުރެއްވުމަށްފަހު ކަމެއް ނުވަތަ އޭނާ ޖޭއެސްސީން އިސްތިއުފާ ދެއްވުމުން ކަމެއް ސާފެއް ނޫނެވެ.
ޖޭއެސްސީގައި އިންނަވާ މެމްބަރު ކަނޑައަޅަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
ޖޭއެސްސީގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން، ހައި ކޯޓުން އިންތިހާބުކުރާ އެ ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުން އިންތިހާބުކުރާ ދަށު ކޯޓެއްގެ ފަނޑިޔާރެކެވެ. ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލެއްގެ އިތުރުން ދައުލަތުގެ ބަންޑާރަ ނައިބު ވެސް އިންނަވައެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެ މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހެއް ވެސް ޖޭއެސްސީގައި ހިމެނެއެވެ.