ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންގުރައިދޫ ދާއިރާއަށް ވާދަކުރެއްވުމަށް، އެދާއިރާގެ ކުރީގެ މެމްބަރު އިބުރާހިމް ފަލާހު މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.
ފަލާހު ފޯމު ހުށަހަޅުއްވާފައިވަނީ ދާއިރާގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކުއެވެ. ފަލާހުގެ ފޯމާ ހަވާލުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުއެވެ.
ފަލާހު އެ ދާއިރާގެ ޕީއެންސީގެ ޓިކެޓް ކަށަވަރު ކުރެއްވީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ.
ފާއިތުވި ޖެނުއަރީމަހުގެ 27 ވަނަ ދުވަހު ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި އިނގުރައިދޫ ދާއިރާގެ ޕްރައިމަރީގައި ތިން ކެނޑިޑޭޓަކު ވާދަ ކޮށްފައި ވެއެވެ. އެގޮތުން ފަލާހުއާއި ވާދަކޮށްފައިވަނީ ޒަހުރިއްޔާ ހުސެއިންފުޅުއާއި ހުސެއިން އާދަމްއެވެ. މިއަދުގެ ޕްރައިމަރީގައި ފަލާހުވަނީ 832 ވޯޓު ހޯދާ، ވޯޓު ލީމީހުންގެ %71.2 ކާމިޔާބު ކޮށްފައެވެ. ފަލާހުއާއި ވާދަ ކުރެއްވި ޒުހުރިއްޔާ ހުސެއިންފުޅަށް 209 ވޯޓު ލިބުނުއިރު ހުސެއިން އަސްލަމްއަށް ލިބުނީ %10.9 ވޯޓެވެ.
ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރުމަށް ފަލާހު ވަނީ ވަރަށް ވަރުގަދަ ކެމްޕޭންއެއް ކުރައްވާފައެވެ. އެގޮތުން އިނގުރައިދޫ ދާއިރާގެ ހުރިހާ ރަށަކަށް ދަތުރުކޮށް، އޭނާވަނީ ދާއިރާގެ ގިނަ އަދަދެއްގެ މެމްބަރުންނާ ބައްދަލުކޮށް ހަދާފައެވެ.
ދާދިފަހުން ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީއާ ގުޅިވަޑައިގެންނެވުމަށްފަހު ފަލާހު ވިދާޅުވެފައިވަނީ، ރައީސް މުޢިއްޒުގެ ވެރިކަން ދިފާއުކުރަން މޭ އައްޑަނައަކަށް ހަދާނެކަމަށާއި، ސިޔަސީ ގޮތުންނާއި ހުރިހާ ގޮތަކުންވެސް ރައީސް މުޢިއްޒުގެ ސަރުކާރު ދިފާޢު ކުރުމުގައި ވަފާތެރިކަންމަތީ ދެމިހުންނަވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. އަދި މުޅި ރ. އަތޮޅުވެސް ވަނީ ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައިކަމަށާއި، މުޅި ރ. އަތޮޅުގެ 15 ރަށުގެ ރައްޔިތުންވެސް ތިބީ ރައީސް މުޢިއްޒުގެ ސަރުކާރު ދިފާޢުކޮށް އެމަނިކުފާނުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރިއަށް ދާންކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
18 ވަނަ މަޖިލިހުގަވެސް އެދާއިރާގެ މެމްބަރުކަން ކުރެއްވީ ފަލާހުއެވެ. ފަލާހު ފާހަގަ ވެފައިވަނީ ދާއިރާގެ ރައްޔިތުންނާ ގާތުން ގުޅުން ބާއްވާ، ރައްޔިތުންގެ ބޮޑު ތާއީދެއް އޮނަން ބޭފުޅެއްގެ ގޮތުގައެވެ.