ހުޅުމާލޭގައި މެދުފަންތީގެ 162 ހައުސިންގ ޔުނިޓް އެޅުމަށް ރެއިންބޯ މެގަ ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފި އެވެ.
މިއީ ހުޅުމާލޭގައި "މިކްސް ރެސިޑެންޝަލް ޑިވެލޮޕްމަންޓް" ދަށުން ތަރައްޤީކުރުމަށް ކުރިން މެގަ އިންފްރާ ޕްރޮޖެކްޓްސްއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. ނަމަވެސް ޕްރޮޖެކްޓް ޑީޑް އޮފް އެސައިންމެންޓްގެ ދަށުން މިއަދު ވަނީ ރެއިންބޯ މެގަ ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑާއެކު އެޗްޑީސީން ސޮއިކޮށްފައެވެ. މި ކަމަށްޓަކައި އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދެވެ. އަދި ރެއިންބޯ މެގަ ޑިވެލޮޕާސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މާޒިން އިބްރާހީމެވެ.
މި މަސައްކަތް ހަވާލުކުރި ރެއިންބޯ މެގަ ޑިވެލޮޕާސްއަކީ މިމަސައްކަތް ފުރަތަމަ ހަވާލުކުރި މެގަ އިންފްރާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާއި ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެކެވެ. އެކުންފުންޏާ މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.
Deed of Assignment was signed with Rainbow Mega Developers Pvt Ltd today at HDC.
Initially awarded to Mega Infrastructure, the development has been re-assigned to Joint Venture company, Rainbow Mega Developers for a Mixed Residential Development . pic.twitter.com/OttIiqXDS2— HDC (@hdcmaldives) December 16, 2020
މެދުފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ދަށުން 162 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މެދުފަންތިއަށް އަމާޒުކޮށް މި ޕްރޮޖެކްޓް ހިންގި ނަމަވެސް، މިތަންތަނުން ސުވިމިންގ ޕޫލާއި، ޖިމް ފަދަ ގިނަ ވަޞީލަތްތަކެއް ލިބިގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.
އަންނަ އަހަރުވެސް އެކި ފަންތިތަކަށް ބަހާލައިގެން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް އެކޯޕަރޭޝަނުން ވަނީ ނިންމާފައެވެ. އެގޮތުން ވަގުތީ ބޭނުންތަކަށް މާލޭ ސަރަޙައްދުގައި ދިރިއުޅޭ ކިޔަވާކުދިންނާއި ވަޒީފާއަދާކުރާ މީހުނަށް ޚާއްޞަކޮށްގެން "ކޯ ލިވިން" ކޮންސެޕްޓުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަން އެޗްޑީސީން މިހާރުވެސް ވަނީ އިޢުލާންކޮށްފައެވެ.
ކޮމެންޓު ފޮނުވާ