ޓެކުހަށްނުވާ އާމްދަނީ މީރާއަށް ބަލައިގަތުމާއި ގުޅޭ އުސޫލްތައް ބަޔާންކުރާގޮތަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤްކުރައްވައިފިއެވެ. މިއީ މިދިޔަ ނޮވެމްބަރު މަހުގެ29 ވަނަ ދުވަހު މަޖިލީހުން ފާސްކުރި ބިލެކެވެ.
މި ބިލާއެކު ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި ސިއްރު ހިފެހެއްޓުމާއި މަޢުލޫމާތު ހާމަކުރުމަށް ގެނެވުނު ބަދަލުތަކާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޓެކުހަށްނުވާ އާމްދަނީ ބަލައިގަތުމާއި، ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ އުސޫލުތައް ހިމެނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މަލްޓިނޭޝަނަލް އެންޓިޓީތަކުން އެ އެންޓިޓީއެއް ނިސްބަތްވާ ގްރޫޕުގެ ވިޔަފާރި މުޢާމަލާތްތަކާއި ހިންގުމާގުޅޭ މަޢުލޫމާތު ހިމަނައިގެން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓެއް މީރާއަށް ހުށަހެޅުމާއި، ބެނެފިޝަލް އޯނަރުގެ މަޢުލޫމާތު ހޯދުމާއި އެ މަޢުލޫމާތު ބޭނުންކުރުމާއި، އެހެން ޤައުމުތަކާއި ނުވަތަ ސަރަޙައްދުތަކާ އެ މަޢުލޫމާތު ޙިއްޞާކުރުމާއި، ބެނެފިޝަލް އޯނަރުގެ މަޢުލޫމާތު ނެގިދާނެ ޙާލަތްތައް ޤާނޫނާ އެއްގޮތަށް ހަދައި، ކަމާގުޅޭ އުސޫލުތަކާއި ޤަވާޢިދުގައި ކަނޑައަޅާގޮތަކަށް އެކަން ކުރުމުގެ ބާރު ވެސް މީރާއަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ތިންވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއެކު، އެ ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. އަދި، މި ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ޤަވާޢިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ