ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ) ގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މަޖިލިހަށް ހުށަހަޅާފައިވާތީ ނޫން މެމްބަރަކަށް މަޖިލިހުގެ ރިޔާސަތު ހަވާލު ކުރުމަށް މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ގޮވާލައްވައިފިއެވެ.
މަޖިލިހުގެ ރައީސް އަސްލަމާއި ނައިބު ރައީސް ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މަޖިލިހުގެ އިދާރާ އިން މިއަދު ފޮނުވިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ މާދަމާ 9:00 ގައި މަޖިލިހުގެ އިދާރާގައި އޮންނާނެއެވެ.
ރައީސް ނަޝީދުގެ އިތުބާރުނެތްކަމަށް ހުށަހެޅުމާއެކު ރިޔާސަތުން ދުރަށްޖެހިވަޑައިގަތް. މާދަމާގެ މަޖިލީހުގެ ރިޔާސަތު ރައީސް އަސްލަމާއި ނައިބު ސަލީމްގެ ބަދަލުގައި ރިޔާސަތުބަލަހައްޓަވާ 5 މެންބަރުންނާއި ހަވާލުކޮށްދެެއްވާ.ޑިމޮކްރަސީއަކީ އެމީހަކާ ޖެހުނީމަ އެއްލާލާ އެއްޗަކަށް ނުހައްދަވާ. pic.twitter.com/mBjP5EXk8m
— Ahmed Thariq (@AhmedThaariq) February 4, 2024
ތޯރިގް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހަށް ވެއްދުމާ އެކުގައި، ނަޝީދު ވެސް ރިޔާސަތުން ދުރަށް ޖެހިވަޑައިގެންނެވި ކަމަށެވެ.
އެހެންކަމުން މާދަމާ އޮންނަ ޖަލްސާގައި މަޖިލިހުގެ ރައީސް އަސްލަމާއި ނައިބު ރައީސް ސަލީމްގެ ބަދަލުގައި ރިޔާސަތު ބަލަހައްޓަވާ ފަސް މެމްބަރުންނާ ހަވާލުކޮށް ދެއްވުމަށް ވެސް ތޯރިގް ގޮވާލެއްވިއެވެ.
"ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމާއެކު ރިޔާސަތުން ދުރަށް ޖެހިވަޑައިގަތް. މާދަމާގެ މަޖިލީހުގެ ރިޔާސަތު ރައީސް އަސްލަމާއި ނައިބު ސަލީމްގެ ބަދަލުގައި ރިޔާސަތު ބަލަހައްޓަވާ 5 މެންބަރުންނާއި ހަވާލުކޮށްދެެއްވާ. ޑިމޮކްރަސީއަކީ އެމީހަކާ ޖެހުނީމަ އެއްލާލާ އެއްޗަކަށް ނުހައްދަވާ." ތޯރިގް ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓެވޭ ވަގުތުތަކުގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް މެމްބަރަކު މަޖިލީހުން ކަނޑައަޅަން ޖެހޭ އިރު، އެ ފަސް މެމްބަރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއި މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ.