އެމްޑީޕީން ބޭނުންވަނީ އަންނަ އެޕްރިލްމަހު މެދެއްހާ ހިސާބުގައި ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް ކަމުގައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ކުރިޔަށް އޮތް ދައުރަށް މަޖިލިސް ހުޅުވިގެން ބާއްވާ ފުރަތަމަ ޖަލްސާގައި މި އިސްލާހު ފާސްވެގެންދާނެކަމަށް އުއްމީދުކުރާ ކަމުގައެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއާއި ޑިމޮކްރެޓްސް އެކުވެގެން މި އިސްލާހު ފާސް ކުރެވޭނެކަމުގައެވެ.
މަޖިލީހުގައި ފުރަތަމަ ކިޔުން ވަނީ އިއްވާފައި. މިއަދު އޮތީ ބަހުސް ކުރިއަށްދާ ގޮތަށް އެކަމަކު ކަން ދިމާކުރި ގޮތުން މަޖިލިސް ޖަލްސާ ކެންސަލްވީ. މަޖިލިސް ހުޅުވާލާ ދުވަހު މެންދުރު 14:00 ޖަހާއިރު އެބައޮތް މަޖިލިސް ޖަލްސާއެއް. އެހެންކަމުން މި ބަލަނީ އަވަސް ފުރުސަތެއްގައި އެކަން ކުރެވޭނެ ކަމަށް. ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ފާސްކުރެވިދާނެ، އެ އިސްލާހު ގެޒެޓް ކުރައްވަނީ އެހެން ބޭފުޅެއް. އެކަން އޮންނާނީ އެބޭފުޅެއްގެ އަތްމަތީގައި. އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އެކީގައި މި ބިލް ފާސް ވާވަރު ކުރެވޭނެ. އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ރޯދަ މަހު މަޖިލިސް އިންތިޚާބު ބޭއްވުމަކީ އުނދަގޫކަމެއް ކަން. ރާއްޖޭގައި މި ވީހާ ތަނަކަށް ރޯދަ މަހު އިންތިޚާބެއް ބާއްވަފައެއް ނެތް. ރައްޔިތުންނަށް ހުންނާނެ ވަރަށް ބައިވަރު ތަކުލީފުތައް. އޭގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި މިންވަރު އެބަ އެނގޭ. އޭޕްރިލް މަހުގެ މެދެއްހާ ތަނެއްގައި އިންތިކާބު ބޭއްވުމަކީ އެމްޑީޕީގެ އުންމީދު. އެކަމަށް މަސައްކަތް ކުރަނީ މި.
ފަލާހު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ނިންމާފައިވަނީ މާރޗް 17 ވަނަ ދުވަހު މަޖިލިސް އިންތިޚާބު ބޭއްވުމަށެވެ. އެއީ ރޯދަމަހެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ގާނޫނަށް ބަދަލު ގެނެވިއްޖެނަމަ ރޯދަމަހުގެ ފަހުން މަޖިލިސް އިންތިޚާބު ބޭއްވިދާނެ ކަމުގައެވެ.
ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނުގައި އެހެން ގޮތަކަށް ބުނެފައި އޮތަސް ރަމަޟާން މަހުގައި އިންތިހާބެއް ބާއްވައިގެން ނުވާނެ ކަަމަށެވެ. އަދި އިންތިހާބު އޮންނަ ދުވަސް ރަމަޟާން މަހުގެ ދުވަހަކާއި ދިމާވާނަމަ އެ އިންތިހާބެއް ބާއްވަން ވާނީ ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން ކަަމަށް އެ އިސްލާހުގައި ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ