ޖަލްސާ ކުރިޔަށް ގެންދަން ފުރުސަތު ދޭނީ މެންބަރު ޝަހީމް ހޮސްޕިޓަލުން ދޫކޮށްލުމުން: ސިރާޖު

ޖަލްސާ ކުރިޔަށް ގެންދަން ފުރުސަތު ދޭނީ މެންބަރު ޝަހީމް ހޮސްޕިޓަލުން ދޫކޮށްލުމުން: ސިރާޖު

Author
ހުސެއިން
28 ޖެނުއަރީ 2024 10:37
0

ވަޒީރުންނަށް ރުހުން ދިނުން އެޖެންޑާކޮށް، މިރޭ ބައްވަން އުޅުނު ޖަލްސާވެސް ކުރިޔަށް ނުގެންދެވިގެން ހުއްޓާލާފައިވާއިރު، ދެން ޖަލްސާ ކުރިޔަށް ގެންދިއުމަށް ފުރުސަތު ދޭނީ މިއަދު ހިނގި ހަމަނުޖެހުންތަކުގައި އަނިޔާވެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކަނޑިތީމު ދާއިރާގެ ޕީއެންސީގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލް ހަކީމް ހޮސްޕިޓަލުން ދޫކޮށްނުލަނީސް މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދަން ފުރުސަތު ނުދޭނެކަމަށް މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ވަޒީރުންނަށް ރުހުން ދިނުން އެޖެންޑާކޮށް، މިރޭ ބައްވަން އުޅުނު ޖަލްސާވެސް ކުރިޔަށް ނުގެންދެވިގެން ވަނީ ހުއްޓާލާފައެވެ. މިރޭގެ ޖަލްސާވެސް ފެށުމާއެކު ސަރުކާރަށް ތާއީދުކުރާ މެމްބަރުންވަނީ ދުންމާރިތައް ހިފައިގެން ރިޔާސަތުގައި އިންނެވި އަސްލަމްގެ ކަންފަތްދޮށުގައި އަޑުގަދަކުރަން ފަށާފައެވެ.

މިރޭގެ ޖަލްސާވެސް ހުއްޓާލާފައިވަނިކޮށް، ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ލީޑަރުކަންވެސް ކުރައްވާ މޫސަ ސިރާޖު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މިއަދު މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެމްބަރަކާ މާރާމާރީ ހިންގާ އަނިޔާކުރުމުގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކުރަން ޖެހިފައިވާ ކަމުގައެވެ. އަދި އެ މެންބަރު ހޮސްޕިޓަލުން ދޫކުރުމުގެ ކުރިން މަޖިލިސް ކުރިއަށް ގެންދަން ޖާގައެއް ނުދެވޭނެ ކަަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

މިރޭ މަޖިލިސް ޖަލްސާއެއް ބޭއްވުމަށް ނިންމިއިރު ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތެއް ނިންމަން މިއަދު ބާއްވަން މަސައްކަތް ކުރި މަޖިލީހުގެ ޖަލްސާ، މަޖިލިސް ހޫނުވެ ބޭއްވޭގޮތް ވެފައި ނުވަނުކޮށެވެ.

މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގައި ޚިޔާލު ތަފާތުވުން އުފެދި މަޖިލިހުގައި މެމްބަރުންގެ މެދުގައި މިއަދު  ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާ ބައެެއް މެމްބަރުންނަށް ވަނީ އަނިޔާވެސް ވެފައެވެ. އަދި ވެރިކަންކުރާ ކޯލިޝަނުންވަނީ 23 މެމްބަރުންގެ ސޮޔާއެކު މަޖިލިސް ރައީސްއާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ވައްދާފައެވެ.

މިއަދު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި، ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމާފައެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް އާ އެކުގައި މި ސަރުކާރުގެ ތިން ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުންވެސް ވަނީ ތްރީ ލައިން ވިޕެއް ނެރެފައެވެ.

އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އުޝާމްގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނސްޓަރު ޑރ. އަލީ ހައިދަރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއަށް ރުހުން ނުދިނުމަށެވެ.

އެހެންނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ އިހުތިޖާޖުތަކުގެ ސަބަބުން މަޖިލިސް ޖަލްސާވަނީ ކުރިޔަށް ނުގެންދެވިފައެވެ.

އޭގެ އިތުރުން އިދިކޮޅު ޕާޓީތަކުން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާއެކު، މަޖިލިސް ދޮށަށް ވަނީ ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން އެއްވެ ސަރުކާރު ހިންގުމަށް ދަތި ނުކުރުމަށް ގޮވާލާ މުޒާހިރާވެސް ކޮށްފައެވެ.

މަޖިލިސް ތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މިއަދުގެ ދުވާލު ބޭއްވި ޖަލްސާ ވަނީ ކުރިޔަށް ނުގެންދެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.