ރާއްޖެއަށް ގެނެސްދިން ތަރައްޤީއާއި، ކުރިއެރުން ފޮރުވައި ރައީސް ޔާމީން ޖަލަށްލާފައިވަނީ އެމަނިކުފާނަށް އޮތް ތާއީދު ގެއްލުވާލަން ކަމަށާއި، ނަމަވެސް އެތާއީދު މިސަރުކާރަށް ގެއްލުވައި ނުލެވި ތާއީދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ކަމުގައި އިދިކޮޅު ކޯލުޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ރަށު ބަންދުގައި ތިބެ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު އިތުރުވީ އެމަނިކުފާނު މިޤައުމުގައި ހުރި މައްސަލަތަކާއި ކުރިމަތި ލައްވައި ޤައުމުގެ މައްސަލަތަކަށް ހައްލު ގެނެސްދެއްވުމުން ކަމަށެވެ. ޤައުމުގެ ކޮންމެ ދިމާލަކުންވެސް މިއަދު ފެންނަނީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީ އާއި ކުރިއެރުންކަމަށްވާއިރު، މިކަންކަން ފޮހެލެވޭނެ ފަދަ ތަރައްޤީއެއްވެސް ކުރިއެރުމެއްވސް މިސަރުކާރަށް ނުގެނެސް ދެވުނުކަމަށެވެ.
އަދި މިއަދު މަސައްކަތް ކުރައްވަނީ އެމަނިކުފާނުގެ ތާއީދު ކުޑަކުރަން ޖަލުގައި އަނިޔާދީގެން ބޭއްވުމަށް ކަމަށެވެ. ނަމަވެސް ޖަލުގައި ބޭއްވުމަކީ ތާއީދު އިތުރުވާނެ ކަމެއްކަން މިއަދު ރައީސް ޔާމީން ސާބިތު ކޮށްދެއްވާފައިވާކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ ރާއްޖޭގެ ރައްޔިތުނަށް މިސަރުކާރަށް ނޫނެކޭ ބުނަން ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ. މިސަރުކާރުން މި އިންތިޚާބް އޮޅުވާލައި ވަގުހަދަން ހުއްޓާނުލައި މަސައްކަތް ކުރާނެ ކަމަށާއި، ނަމަވެސް ގުނައި ބަލި ނުކުރެވޭ ވަރަށް ވޯޓު ދިނުމަށް ދިވެހި ރައްޔިތުން ތައްޔާރުވުމަށް އަބްދުއްރަހީމް ވަނީ ގޮވާލާފައެވެ.
މިއިންތިޚާބް ވަގަށް ނެގުމަށް މިސަރުކާރު ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެ. ހަމަ އެހެންމެ މި އިންތިޚާބު އޮޅުވާލަން މިސަރުކާރުން ނުކުރާނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ. މިސަރުކާރުގެ ވެރިކަން ރަށް ރަށަށް ދިޔާމަ، ކަރަންޓީން ވާން ނުޖެހޭ. އާންމު ރައްޔިތުން ދިޔާމަ ކަރަންޓީން ވާންޖެހޭ. ދުނިޔޭގައި އޮތް އެންމެ ސިޔާސީ ކޯވިޑް އޮތީ ރާއްޖޭގައި.
– އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މިސަރުކާރުން ރާއްޖޭގެ މިނިވަންކަން ނަގާލައި، ރައްޔިތުން ބަނޑަށް ޖައްސަމުންދާއިރު، ރައްޔިޔުން ހޭލާ ތިބެ ކައުންސިލް އިންތިޚާބުގަަައި ވޯޓުން ތަޅައި މިސަރުކާރު ބަލި ކުރަންޖެހޭކަމަށެވެ. މިކަން ކުރުމަށް ލީޑަރޝިޕް ރަށު ބަންދުގައި އޮތްނަމަވެސް އަތޮޅު ތެރޭގެ ހަރަކާތްތައް މިއަދު ފަތު އަޑުކިޔައި ކުރިއަށް ދާން ފެށުމުން މިސަރުކާރަށް ހަޖަމް ނުކުރެވުނުކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ