ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފި

ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު އާ ދެކޮޅަށް ދައުލަތުން ދައުވާ ކުރި ކޮރަޕްޝަން މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން (ޕީޖީ) އަނބުރާ ގެންގޮސްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވެވި ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ. އޭނާގެ މައްޗަށް އެ ދައުވާ ކުރީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި މައްސަލައިގައެވެ.

އެ މައްސަލާގައި 2021 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އެ ހުކުމް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ހައި ކޯޓުގައި ޝަރީއަތް ކުރިއަށް ދަނިކޮށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ މައްސަލަ އަލުން ރިވިއުކޮށް، އިސްތިއުނާފު އިތުރަށް ކުރިއަށް ނުގެންދަން ނިންމައިފައެވެ. އެކަން އެ އޮފީހުން އިއްޔެ ހައި ކޯޓަށް އެންގުމުން އެ މައްސަލަ މިހާރު ވަނީ ފައިލްކޮށްފައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ޑރ. ޒިޔާދު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އެހެން މީހަކަށް ނާޖާއިޒް މަންފާއެއް ހޯދައިދޭން މަސައްކަތް ކުރި ކަމަށް ބެލެވޭނެ އެއްވެސް އުންސުރެއް ނެތް ކަމަށް ހުކުމްގައިވެ އެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ހެކިބަހުން އެމީހުންނަށް އެއްބަސްވުމާ ބެހޭ މާބޮޑު އެއްޗެއް ނޭނގޭ ކަމަށް އެނގެން އޮތް ކަމަށް ހުކުމްގައިވެ އެވެ. މި ޕްރޮޖެކްޓަކީ ރައީސް އޮފީހުން ހާއްސަ ސަމާލުކަމެއް ދީގެން ފިނޭންސް މިނިސްޓްރީއާ އީވައިސީ ގުޅިގެން ހިންގާފައިވާ ޕްރޮޖެކްޓެއް ކަމަށާއި އިސްލާމިކް މިނިސްޓްރީގެ ޒިންމާ އަކީ ހަމައެކަނި އެ ފަރާތްތަކުން އަންގާ ގޮތަށް ޕްރޮޖެކްޓް ހިންގުން ކަމަށް ހެކިންގެ ހެކިބަހުން އެނގޭ ކަމަށް އޭގައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *