އަފްއާނިސްތާނުގެ ވެރިރަށް ކާބުލްގެ ޑެޕިއުޓީ ގަވަރުނަރު ދުއްވަމުން ދިޔަ ކާރުގައި ހަރުކޮށްފައިހުރި ބޮމެއް ގޮއްވާލާ ޑެޕިއުޓީ ގަވަރުނަރާއި އޭނާގެ އެސިސްޓެންޓް މަރާލައިފިއެވެ.
އަފްޢާނިސްތާނުގެ އިންޓީރިއަރ މިނިސްޓަރު ވިދާޅުވި ގޮތުގައި، ޑެޕިއުޓީ ގަވަރުނަރު، މަހުބޫބުއްﷲ މޮހެބީގެ ދުއްވަމުންދިޔަ ކާރުގައި ހަރުކޮށްފައިހުރި ބޮން ގޮއްވާލިއިރު، އޭނާ ވަޑައިގެންނެވީ، ބޮޑީގާޑުންގެ އެހީތެރިކަމާއެކު، ދުވާލުގެ މަސައްކަތަށް އޮފީހަށް ދަތުރު ކުރައްވަމުންނެވެ.
ކާބުލްގެ ފުލުހުންނާ ހަވާލާދީ، އަފްއާނިސްތާނުގެ ޓީއޯއެލް ނޫހުން ޓުވިޓާރގައި ލިޔެފައިވާ ގޮތުގައި، "ދުއްވަމުން ދިޔަ ކާރުގައި ހަރުކޮށްފައި ހުރި ބޮމެއް ގޮއްވާލާ، މަހުބޫބުއްﷲ މުހައްމަދީއާއި އޭނާގެ ސެކެޓްރީ ވަނީ މިއަދު މަރާލާފަ" އެވެ.
މިހަމަލާގައި މަހުބޫބުއްﷲގެ ދެ ބޮޑީގާޑުންނަށްވެސް އަނިޔާވެފައި ވާއިރު، މިހާތަނަށްު އަދި އެއްވެސް ބަޔަކު މިހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.
Update: Mohibullah Mohammadi, dep. gov. of Kabul, and his secretary were killed in a blast from an IED placed on their vehicle in Macroryan 4 in Kabul's PD9 today, #Kabul police confirmed. “Two of his bodyguards were wounded in the blast," said police. pic.twitter.com/P3KdFY8cT9
— TOLOnews (@TOLOnews) December 15, 2020
ތާލިބާނުންނާއި އަފްއާނިސްތާން ސަރުކާރާ ދެމެދު ސުލްހައިގެ ވާހަކަތައް، ގަތަރުގައި ފެށުނުފަހުން، އަފްއާނިސްތާނުގެ އެކިހިސާބުތަކުގައި ހިގަމުން އަންނަ ހަމަނުޖެހުންތައް ވަނީ އިތުރު ވެގެން ގޮސްފައެވެ.
އަފްއާނިސްތާނަކީ، ޚާއްސަކޮށް ވެރިރަށް ކާބުލްއަކީ، ގިނަ އަދަދެއްގެ ސިޔާސީ އިސްފަރާތްތަކާއި އަދި ނޫސްވެރިންވެސް ތަފާތު އެކި ހަމަލާތަކުގައި މަރާލެވިފައިވާ ސިޓީއެކެވެ.
ފާއިތުވެދިޔަ ހަފްތާގައި، އަފްއާނިސްތާނުގެ އިރުމަތީ އަވަށެއްކަމުގައިވާ ޖަލާލް އާބާދުގައި، އަންހެން ނޫސްވެރިއަކަށް ހަމަލާދީ ވަނީ މަރާލާފައެވެ. މިއީ ފާއިތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެގައުމުގައި މަރާލެވުނު ދެވަނަ ނޫސްވެރިޔާއެވެ.
މިމަހުގައި ކާބުލްއަށްވަނީ ރޮކެޓްގެ ދެހަމަލާއެއް ދީފިއެވެ. އަދި ދާދިފަހުން ވަނީ ދެ މަދުރަސާއަކަށްވެސް ހަމަލާތަކެއް ދީފައެވެ. އަދި ޔުނިވަސިޓީއެއްގެ ކެމްޕަހެއްގައި ކިޔަވާކުދިންތަކެއްވެސް ވަނީ މަރާލާފައެވެ.
މީގެ އިތުރުން، މިހަފްތާގެ އަންގާރަ ދުވަހު، ޕޮލިހުންގެ ޗެކް ޕޮއިންޓަކަށް، ހަތިޔާރު އެޅި މީހަކު ދިންހަމަލާއެއްގައި އަފްއާނިސްތާނުގެ ފުލުހުންގެ މީހަކު މަރުވެ، އިތުރު ދެމީހަކަށް ވަނީ އަނިޔާ ވެފައެވެ.
އަފްއާނިސްތާނުގެ ތާލިބާނުންނާ، އެގައުމުގެ ސަރުކާރާ ދެމެދު ގަތަރުގައި މިހާރު ކުރިޔަށްދާ ވާހަކަތައް، މިހާރު ވަނީ ޖެނުއަރީ މަހާ ހަމައަށް މެދު ކަޑާލެވިފައެވެ. ވާހަކަތައް މެދުކަޑާލެވިފައިވަނީ، ސަރުކާރުގެ ފަރާތުން ވާހަކަތަކުގައި ބައިވެރިވާ އޮފިޝަލުން އެބުރި ކާބުލްއަށް ވަޑައިގެން މަޝްވަރާތަކާ ގުޅޭގޮތުން ސަރުކާރުގެ އިސް އޮފިޝަލުންނާ މަޝްވަރާ ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.