ލަންކާގައި މަރުވާ މީހުން ރާއްޖޭގައި ވަޅުލުމަކީ ކުރަންޖެހޭކަމެއް: ނަޝީދު

ލަންކާގައި މަރުވާ މީހުން ރާއްޖޭގައި ވަޅުލުމަކީ ކުރަންޖެހޭކަމެއް: ނަޝީދު

Author
މުޙައްމަދު ޖިމީ
15 ޑިސެމްބަރ 2020 05:46
0

ސްރީލަންކާގައި މަރުވާ ދިވެހިން އެޤައުމުގައި ވަޅުލެވޭއިރު، ރާއްޖެއިންވެސް އެފުރުޞަތު ސްރީލަންކާއަށް ދޭންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޯވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލާދިނުމަށް އެޤައުމުގެ ސަރުކާރުން އެދިފައިވާތީ އެކަމާއި މަޝްވަރާކުރަމުން އަންނަކަމަށް ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މިކަމަށް ޚިޔާލުތަފާތުވުން އުފެދިފައިވާ މިދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ރާއްޖެއާއި ސްރީލަންކާ ގުޅިގެން ހައްލުކުރަންޖެހޭ މައްސަލައެއްކަމަށެވެ. ސްރީލަންކާއަކީ ރާއްޖެއާއި އެންމެ ގާތް ރަހުމަތްތެރި ޤައުމުކަމަށާއި، ބަލިމަޑުކަމުގެ މިޙާލަތުގައި އެކުގައި މަސައްކަތްކުރަންޖެހޭކަމަށެވެ. ސްރީލަންކާގައި މަރުވާ ދިވެހިން ވަޅުލުމަށް ތަންތަން ޚާއްޞަ ކުރެވިފައިވާއިރު، ސްރީލަންކާގެ ޖަވާތާ މިސްކިތުގައި ދިވެހިންގެ4 ދަރިފަސްކޮޅުގެ މީހުން ލީޑަރުން ވަޅުލެވިފައިވާކަން ފާޙަގަކުރެއްވިއެވެ.

ސްރީލަންކާގައި މަރުވާ މުސްލިމުން ވަޅުލުމަށް ރާއްޖެ ގެނައުމަށް އިސްވެ އެދުނީ ރާއްޖެއިންކަމަށް ބައެއް ފަރަތްތަކުން ތުހުމަތުކުރާއިރު، ބަލިމަޑުކަމުގެ މިފަދަ ދަނޑިވަޅެއްގައި ބަލިޖެހިގެން މަރުވާ މީހުން ރާއްޖެ ގެނެސް ވަޅުލުމުގެ ސަބަބުން ގޯސް ނަތީޖާއެއް ނިކުމެދާނެކަމަށް ބައެއް ފަރަތްތަކުން އަންނަނީ ވިދާޅުވަމުންނެވެ. އަދި މިއީ އދ.ގެ އާންމު މަޖިލީހުގެ ރައިސްކަމަށް ވާދަކުރައްވުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރައްވާ ކެމްޕެއިންގެ ބައެއްކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، ކޯވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ޖަނާޒާ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ހަމަޖައްސާދިނުމަށް ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ސިޓީފުޅެއް ފޮނުވާފައިވާކަމަށެވެ. ލަންކާ ސަރުކާރުން އެދިފައިވާ ކަންކަން އިންތިޒާމު ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ކަމާއި ގުޅޭ ދާއިރާތަކާއި އެކު ރައީސް މަޝްވަރާކުރައްވަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކޯވިޑަށް ޖެހިގެން މަރުވާ މީހުން އެއްވެސް ދީނަކަށް ބެލުމެއްނެތި އަންދާލުމަށް ސްރީލަންކާ ސަރުކާރުން ވަނީ ނިންމާފައެވެ. އެކަމާއި ގުޅިގެން ލަންކާ މުސްލިމުންގެ މެދުގައި ވަނީ ކަންބޮޑުވުންތައް އުފެދިފައެވެ. އަދި ބައެއް މީހުން އަނަނީ އިހްތިޖާޖުވެސް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.