ގއ. ވިލިނގިލީ، ޕެންޒީއާގޭ، އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ހާލިދު މަރުވި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވިލިނގިލީ ހޮސްޕިޓަލުގައި އޮތް ކުއްޖާ އިތުރު ފަރުވާ އަށް މާލެ ގެނެސް ފަރުވާ ދެމުންދަނިކޮށް އިއްޔެ ވަނީ މަރުވެފައެވެ. އެކަމުގައި ސަރުކާރުގެ އިހުމާލު އޮތް ކަމަށް ބުނެ ސަރުކާރަށް އަންނަނީ ފާޑު ކިޔަމުންނެވެ. ނަމަވެސް އާސަންދަ އިން ބުނެފައި ވަނީ އެ ކުއްޖާ މާލެ ގެނައުމަށް އެ ކުންފުނިން ކުރެވެން ހުރި ހުރިހާ ކަމެއް ވީ އެންމެ އަވަހަށް ކޮށްފައިވާނެ ކަމަށެވެ. އެންމެ ފަހުން އެ ކުއްޖާ ބުރާސްފަތި ދުވަހު މާލެ ގެނައީ ވެސް މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައެވެ.
ސައުދު މަޖިލިހަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އިއްޔެ މަރުވި ކުއްޖާ ވިލިނގިލި ހޮސްޕިޓަލަށް ގެންދެވުނީ ބުދަ ދުވަހުގެ ރޭ ކަމަށާއި އެ ކުއްޖާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމަށް ޑޮކްޓަރުން ލަފާދިން ނަމަވެސް އިމަޖެންސީ އިވެކުއޭޝަންގެ ކަންތައް ލަސްވެފައިވާ ކަމަށެވެ. އެގޮތުން އިމަޖެންސީ އިވެކުއޭޝަންގައި ބޭނުންކުރުމަށް ހާއްސަ ފްލައިޓާއި ހެލިކޮޕްޓަރު ބޭނުން ނުކުރި ކަމަށް ސައުދު ވިދާޅުވިއެވެ.
އައިިލެންޑް އޭވިއޭޝަންގެ ފްލައިޓު ލިބެން އޮތް ވަގުތަކަށް ވަރިހަމަކޮށް ކުއްޖާ އަށް ލިބެން އޮތް ކްރިޓިކަލް ކެއާ ފަރުވާ އަށް ގަސްދުގައި ހުރަސް އަޅާފައިވާ ކަމަށާއި މީގެ ކުރިން ވެސް މިފަދަ ހާލަތްތަކުގައި އައިއޭއެސްގެ ބޯޓު ލިބުން ލަސްވާ ނަމަ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އޮންނަ ޑޯނިއާ ނުވަތަ ހެލިކޮޕްޓަރުގައި ބަލި މީހުން އުފުލާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. އެ ވަސީލަތްތައް މިހާރު ވެސް ބޭނުންކުރެވޭ ހާލަތުގައި އޮތް އިރު ސަރުކާރުން އެ ވަސީލަތްތަކުގެ ބޭނުން ނުހިފާ ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް ސަރުކާރަށް އަމާޒުވާ ތުހުމަތުތައް ސަރުކާރުން ދޮގު ކުރެއެވެ. މީގެ ތިން އަހަރު ކުރިން ފެށިގެން މިހާތަނަށް އައިއިރު، ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި %93 ބޭނުން ކުރީ މޯލްޑިވިއަން އެއާލައިންގެ މަތިންދާ ބޯޓު ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވަނީ ވިދާޅުވެފައެވެ.
ޣައްސާން އެގޮތަށް ޓުވީޓު ކުރެއްވީ އުމުރުން 13 އަހަރުގެ ދިވެހި ފިރިހެން ކުއްޖާ މާލެ ނުގެނެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސީދާ ހުއްދަ ނުލިބިގެން ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅިގެންނެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިފަދަ ހާލަތެއްގައި އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު މި ސަރުކާރުން އައި ފަހުން ބޭނުން ނުކުރުމަކީ އެތައް ބައެއްގެ ފުރާނަ ދުނިޔެއާ ވަކިވެގެން ހިނގައިދާނެ ކަމެކެވެ.
ދެ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓު ބޭނުން ނުކުރާ ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. މީގެކުރިން ނަމަ، އެ އުޅަނދުތައް ބޭނުން ކުރަމުން އަންނަނީ އެމްއެންޑީއެފްގެ ވެރިންގެ އޯޑަރުގެ ދަށުން އިންޑިއާ ސިފައިންނެވެ. އެކަމުގައި މީގެކުރިން ވެސް ސަރުކާރުގެ އެއްވެސް ދައުރެއް ނޯވެއެވެ. އިންޑިއާ އިން ދީފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓަކީ ވެސް ބަލި މީހުން އުފުލުގައި ވަރަށް މުހިންމު ރޯލެއް އަދާކުރަމުން އަންނަ އުޅަނދުތަކެވެ.
ކޮމެންޓު ފޮނުވާ