ހުޅުމާލޭ ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ އަނިޔާކުރި މައްސަލާގައި 3 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ ސަބިތުކުރެވިދަނެކަމާމެދު ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަޙްމަދު ހައިލަމް ސުވާލު އުފައްދަވައިފިއެވެ.
ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ އަނިޔާކުރިކަމަށް ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ. ޕީޖީ އޮފީހުން ބުނީ ދައުވާކުރުމަށް ފޮނުވި މައްސަލަ މިއަދު ބަލައިގެންފައިވާކަމަށާއި، އެމައްސަލާގައި 3 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް އެއީ ކޮންބައެއްކަން ޕީޖީން ހާމަ ނުކުރެއެވެ.
އެކަމާއި ގުޅިގެން ހައިލަމް ވަނީ، ދަޢުވާ ކުރަން ފޮނުވިޔަސް ސާބިތުކުރެވޭނީ ކިހިނެތޯ ސުވާލު ކުރައްވާފައެވެ.
އެންމެން ގުޅިގެން ވިކްޓިމްވަނީ ފުރުވާލާފައި. ސަފާ ފުރުވާލި މައްސަލަ 4 އަހަރު ފަހުން ބެލޭހެން މިމައްސަލަ ބެލޭނެ ދުވަހެއްވެސް އަންނާނެ. މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ ކޯމާއަކަށް ދިޔައީތޯ؟ މުޤައްރިރު އެއްޗެއް ވިދާޅުވުން އެދެން!
– ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަޙްމަދު ހައިލަމް
މި މައްސަލާގައި ހިމެނޭ މީހުންގެ ނަންތައް ހާމަނުކުރާތީވެސް ހައިލަމް ވަނީ ފާޑުވިދާޅުވެފައެވެ.
އަދިވެސް މި މީހުން”ގެ ނަންތައް ހާމަކުރެވެން ނެތީތޯ؟ ނަންތައް ސިއްރުކުރަނީ ކޮން އުސޫލަކުންތޯ؟ ޕީޖީ އޮފީހުން މި ނަންތަކަކީ ހިއުމަން ރައިޓްސްއާއި ގައުމީ ސަލާމަތަށްހުރި ބޮޑު ނުރައްކަލެއްތޯ؟ ދަޢްވާ ސާބިތުނުވާކަމަށް ކަނޑައަޅާއިރުވެސް ނަންތައް ހުންނާނީ ސިއްރުކުރެވިފައި.
– ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަޙްމަދު ހައިލަމް
ހުޅުމާލޭގެ ސަފާރީއެއްގައިދިވެހި ދެ ފިރިހެނުން ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ ފުލުހުންނަށް ހުށައަޅަފައިވަނީ މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އެމައްސަލާގައި ފުލުހުންވެސް ވަނީ ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭޕުގެ މައްސަލައެއްގެ ގޮތުގައި ނޫންކަމަށް ބުނެފައެވެ. ކެންޔާ އަންހެނަކު ރޭޕްކުރަން އުޅުނުކަމުގެ ތުހުމަތުމަތުކުރެވޭ ދިވެހި ދެ ފިރިހެނަކު ދޫކޮށްލިކަމަށް ތުހުމަތުކުރާ މައްސަލައަށް ގިނަ ބައެއްގެ ފާޑުކިއުން އޭރު އަމާޒުވިއެވެ. ސަބަބަކީ އަނިޔާލިބުނު އަންހެން މީހާ ހޮސްޕިޓަލަށް ގެންދިއުން ލަސްވުމާއި އެމައްސަލަ ވަކިކޮޅެއގައި ނުޖެހި ކުއްލިއަކަށް ހުއްޓިފައިވާކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެންނެވެ.
ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރިއެއްގައި ޖިންސީ އަނިޔާގެ ޝިކާރައަކަށްވި ކެންޔާ އަންހެންމީހާގެ ބަޔާން ފުލުހުން ބަދަލުކުރަން އުޅުނުކަމުގެ ތުހުމަތުކުރެވޭ ވީޑިއޯއެއްވެސް އާންމު ވިއެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ.
ކޮމެންޓު ފޮނުވާ