އާޒިމާގެ އެމްއައިބީގެ ދަރަނީގެ އިސްތިއުނާފް ކޯޓުން ބަލައެއް ނުގަތް

އާޒިމާގެ އެމްއައިބީގެ ދަރަނީގެ އިސްތިއުނާފް ކޯޓުން ބަލައެއް ނުގަތް

ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އާޒިމާ ޝަކޫރުގެ މައްޗަށް 4.1 މިލިއަން ރުފިޔާ އިސްލާމިކް ބޭންކަށް ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން ހައި ކޯޓުގައި ކުރި އިސްތިއުނާފް އެކޯޓުން ބަލައި ނުގެންފިއެވެ.

އާޒިމާގެ އިސްތިއުފާ ބަލައި ނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިމާފައިވަނީ މަދަނީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ޣައިރު ހާޒިރުގައި ކުރި ހުކުމެއް ބާތިލު ކުރަން ނުވަތަ ބަދަލު ކުރަން އެ ހުކުމެއް ކުރި ކޯޓަކަށް ހުށަހެޅުމުގެ ފުރުސަތު ލިބިދޭތީ، ޝަރީއަތުގެ މަރުހަލާތަކުގެ ތަރުތީބު ގެއްލުނަ ނުދިނުމަށް ހައި ކޯޓުގައި އެ އިސްތިއުނާފު މައްސަލަ ނުބެލޭނެ ކަމަށް ނިންމީ ކަމަށެވެ.

ސިވިލް ކޯޓުން އާޒިމާގެ އައިރު ހާޒިރުގައި ހުކުމް ކޮށްފައިވަނީ، އޭނާ އިސްލާމިކް ބޭންކުން ނަގާފައިވާ ލޯނަށް ގަވާއިދުން ފައިސާ ދައްކަމުން ނުދާކަމަށް ކަމަށް އެ ބޭންކުން ސިވިލް ކޯޓުގައި ދައުވާ ކުރުމުންނެވެ.

މިމައްސަލައާއި ގުޅިގެން އާޒިމާ، ފާއިތުވި ބައި އިލެކްޝަން ތެރޭގައި ނެރުނު ބަޔާނެއްގައި ވިދާޅުވީ، އޭނާގެ ނަމުގައި މޯލްޑިވްސް އިސްލާމިކު ބޭނުން ނަގާފައިވާ ގެދޮރުވެރިކަމުގެ ލޯނުގެ މައްސަލާގައި، ލޯނު ރީ ސްޓްރަކްޗަރ ކުރުމަށް ވާހަކަ ދައްކަންފަށާ، ފައިސާ ދައްކާނޭ ގޮތުގެ ޝެޑިއުލްއެއް ބޭންކަށް ހުށަހަޅާފައި ވަނިކޮށް،  ބޭންކުގެ އެދުމުގެ މަތިން އޭނާގެ މައްޗަށް ޢައިރު ހާޒިރުގައި ސިވިލްކޯޓުން ހުކުމް ކުރީ ކަމަށެވެ.

އާޒިމާގެ ބަޔާނުގައި ވިދާޅުވެފައިވަނީ، އެކަން އިސްލާމިކް ބޭންކުން ކުރިޔަށް ގެންގޮސްފައިވަނީ ލޯނު ރީ ސްޓްރަކްޗަރ ކުރުމަށް ކޯޓަށް ލިޔުމުން އަންގާނޭކަމުގެ ޔަގީންކަން ދިނުމަށް ފަހުގައި ކަމުގައެވެ.

މިއީ އަޅުގަނޑު ކުރިމަތިލާފައިވާ މާލެ ސިޓީގެ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންއަށް ނުފޫޒު ފޯރުވަން ބޭންކިންގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ބޭންކުގެ ވަކި މުވައްޒަފަކު ކޮށްފައިވާ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ ވަރުގެ މައުލޫމާތު ވަނީ ލިބިފައި.

އާޒިމާގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އާޒިމާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ ފާއިތު ހަފްތާގެ އަންގާރަ ދުވަހު އެވެ. އިސްތިއުނާފް މައްސަލަ ބަލައި ނުގަތުމަށް ހައި ކޯޓުން ނިންމާފައިވަނީ މި ހަފްތާގެ އާދީއްތަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *