މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގައި ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ދެއްކެވި ހިތްވަރަށް ސާބަސް ދަންނަވާ ކަމަށާއި އާޒިމާއަކީ ނަމޫނާއެއް ކަމުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕްރޮގްރެސް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި މާލެސިޓީ މޭޔަރު ކަމަށް ވާދަކުރައްވައި ދެއްކެވި ހިތްވަރާއި ސާބިތު ކަމަށް އާޒިމާ އަށް ޝުކުރާއި މަރުހަބާ ދަންނަވާ ކަމަށެވެ.
ޕްރޮގްރެސް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި މާލެސިޓީ މޭޔަރު ކަމަށް ވާދަކުރައްވައި ދެއްކެވި ހިއްވަރާއި ސާބިތުކަމަށް އަލްއުސްތާޛާ @aminadhis ޝުކުރާއި މަރުހަބާ ދަންނަވަން. ތިޔަ ދެއްކެވި މިސާލަކީ ސިޔާސީ މައިދާނުގައި ކުރިއަށް ވަޑައިގަންނަވާ އަންހެން ބޭފުޅުންނަށް ފުރިހަމަ ނަމޫނާއެއް. pic.twitter.com/G62DVG1Rxk
— Hussain Mohamed Latheef (@HucenSembe) January 14, 2024
"ތިޔަ ދެއްކެވި މިސާލަކީ ސިޔާސީ މައިދާނުގައި ކުރިއަށް ވަޑައިގަންނަވާ އަންހެން ބޭފުޅުންނަށް ފުރިހަމަ ނަމޫނާއެއް." ނައިބު ރައީސް ވިދާޅުވިއެވެ.
މާލޭގެ މޭޔަރު ކަމުގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމެވެ. އޭނާ އަށް 7،621 ވޯޓު ލިބިވަޑައިގެންނެވިއެވެ. އާޒިމްއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގެންނެވީ 5،031 ވޯޓެވެ.
ތިން ވަނަ އަށް ދިޔަ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފަށް 2،343 ވޯޓު ލިބިވަޑައިގަތެވެ. އަމިއްލަ ގޮތުން ވާދަކޮށްގެން ހަތަރު ވަނަ އަށް ދިޔަ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދަށް 1،888 ވޯޓު ލިބިވަޑައިގަތެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށްގެން ފަސް ވަނަ އަށް ދިޔަ ޝުއައިބު އަލީ އަށް 125 ވޯޓު ލިބިވަޑައިގެންނެވިއެވެ.
މި ބައި އިލެކްޝަންގައި 54،680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިދިން ނަމަވެސް ވޯޓުލާފައި ވަނީ 17،008 މީހުންނެވެ. ބާތިލް ވޯޓުގެ ގޮތުގައި 402 ވޯޓު ގުނާފައިވެއެވެ.