މާލޭގެ މޭޔަރަކަށް ހުންނަވަން ޖެހޭނީ އެކަމުގެ ޒިންމާ އެނގޭ ބޭފުޅެއް ކަމަށް މާލެ ސިޓީގައި މިހާރު އޮތް މެންޑޭޓަކީ ތަންދޮރު ނުދަންނަ މީހަކަށް ހިންގޭނެ މެންޑޭޓެއް ނޫން ކަމަށް ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު މިރޭ ވިދާޅުވެއްޖެއެވެ.
"ސަންގު ޓީވީ" ގެ ބަހުސްގައި އާޒިމާ ވިދާޅުވީ މާލޭގެ މޭޔަރު ކަމުގެ މަގާމަކީ ދައުލަތުގެ އެންމެ ބޮޑު އެއް ވުޒާރާގެ މަގާމެއް ކަމަށެވެ. އެހެންވީމަ، އެކަމުގައި ހުންނަވަން ޖެހޭނީ އެކަމުގެ ޒިންމާ އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.
"މިހާރު އޮތް މާލެ ސިޓީ ކައުންސިލްގެ މެންޑޭޓަށް އެކަނި ބަލާލިޔަސް، އެ މެންޑޭޓަކީ ތަންދޮރު ނުދަންނަ މީހަކަށް ހަވާލުވެގެން ހިންގޭނެ ކަމެއް ނޫން. ތަން ދޮރު ނުދަންނަ ދައުލަތް ހިނގާ ގޮތް، ދައުލަތުގެ އިދާރީ އޮނިގަނޑު ނޭނގޭ މީހަކަށް މިކަން ކުރެވޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވި ގޮތުގައި މޭޔަރުގެ ޒިންމާތަކުގެ ތެރޭގައި މާލޭގެ ރައްޔިތުންގެ ނަމުގައި ނިންމުންތައް ނިންމަން އެބަހުރި ކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުންގެ ނަމުގައި ގާނޫނުތައް ހެދުމާއި ގަވައިދުތައް ހެދުމާއި މުނިސިޕަލް ބޮންޑް ވިއްކުމުގެ ބާރަކީ ވެސް ސިޓީ ކައުންސިލަށް ދީފައި އޮތް ބާރެއް ކަމުގައި އާޒިމާ ވިދާޅުވިއެވެ.
"މި ދަންނަވަނީ ޕޯޓްފޯލިއޯ އިންވެސްޓްމަންޓް ނޭނގޭ މީހަކު އައިސްގެން މިކަހަލަ ކަންކަން ނުކުރެވޭނެ. ފައިނޭންޝިއަލް ގަވަނަންސް ނޭނގޭ މީހަކަށް ވެސް މިކަމެއް ނުކުރެވޭނެ. ހަމަމިއާއެކު ކްރައިމް ކޮންޓްރޯލް އެއީ މާލެ ސިޓީގެ މޭޔަރު ކަމުގެ ޒިންމާތަކުގެ ތެރޭގައި ގާނޫނުގައި އޮތް ކަމެއް،" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ މުނިސިޕަލް ހިދުމަތްތަކުގެ އިތުރުން އާންމު އިޖުތިމާއީ ގާނޫނާ ހިލާފަށް ކަން ކުރުމުގެ ގާނޫނު ބެލެހެއްޓުމުގެ ޒިންމާ އޮތީ ވެސް މާލެ ސިޓީގެ މޭޔަރަށް ކަމަށެވެ. އެގޮތުން މަގުމަތީގައި ޖިންސީ ފުރައްސާރަ ކުރުމާއި އަނިޔާ ކުރުން ފަދަ ކަންކަމުގައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިކަންކަން ނޭނގޭ، ވައްޓަފާޅި ނެތް މީހަކަށް މާލެ ސިޓީގެ މޭޔަރު ކަން ނުކުރެވޭނެ،" އާޒިމާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ