ރައްޔިތުން އިންތިހާބުކޮށްފައިވާ ސަރުކާރެއް ބަޣާވާތަކުން ވައްޓާލުމާ ދެކޮޅު ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އެ ގައުމަށް މަލާމާތްކޮށް ބަދު ބަސް ބުނި މައްސަލައިގައި ދިވެހި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑް ކުރުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު އަޒުލު ކުރުމުގެ ވާހަކަތައް އަނެއްކާ ވެސް ވަނީ ދެކެވެން ފަށައިފައެވެ. މި ވާހަކަތައް ދެއްކުން މި ފަހުން އޮތީ ވަރަށް ބޮޑަށް ހުއްޓިފައެވެ. އެއީ އެމްޑީޕީގެ 13 މެމްބަރަކު އެ ޕާޓީން ގުޅިވަޑައިގެން ޕީއެންސީ އަށް ސޮއި ކުރެއްވުމާ ގުޅިގެންނެވެ.
ރައީސް އަޒުލު ކުރުމުގެ ވާހަކަ އަނެއްކާ ވެސް ދައްކަން ފެށީ ދަ ޑިމޮކްރެޓްސް އިންނެވެ. ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ރައީސް މުއިއްޒު އަޒުލު ކުރަން ހިތްވަރު ލިބޭ ފަދަ ގޮތަކަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުޢިއްޒު އިންތިޙާބުވެވަޑައިގަތީ މަނިކުފާނާއި އަދި މަނިކުފާނުގެ ޕާޓީ ދަ ޑިމޮކްރެޓްސް ގެވެސް ފުރިހަމަ ތާއީދާއެކު ނޫންތޯ. އަދި މިސަރުކާރަށް 2 މަސް ނުވޭ.
ރައްޔިތުން އިންތިޙާބުކޮށްފައިވާ ސަރުކާރެއް ގަދަބާރުން / ބަގާވާތަކުން ވައްޓާލުމާއި ދެކޮޅު.… pic.twitter.com/XuOQupPkpI
— Ahmed Mahloof (@AhmedMahloof) January 9, 2024
މަހްލޫފް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ވެސް ފުރިހަމަ ތާއީދާ އެކު ނޫންތޯ ސުވާލު ކުރައްވައިފައެވެ. މި ސަރުކާރަށް އަދި ދެ މަސް ނުވާ އިރު، ރައްޔިތުން އިންތިހާބުކޮށްފައިވާ ސަރުކާރެއް ގަދަ ބާރުން، ބަޣާވާތަކުން ވައްޓާލުމާ ދެކޮޅު ކަމުގައި މަހްލޫފް ވިދާޅުވިއެވެ.
"އެއީ ރާއްޖެ އަށް ތަނގަޅު ތަޖުރިބާއެއް ނޫން، އިންތިހާބުތަކަކީ ކުޅޭ ކުޅިވަރަކަށް ވެގެން ނުވާނެ،" މަހްލޫފް ވިދާޅުވިއެވެ.
އާޒިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ހަމަޖެހުން ދަމަހައްޓާ، ހާރިޖީ ސިޔާސަތު ހިމާޔަތްކޮށް އަދި އަވައްޓެރި އެއްވެސް ގައުމެއް ބާކީ ކުރުން ހުއްޓުވުމަށް ޑިމޮކްރެޓުން ތިބީ ތައްޔާރަށް ކަމަށެވެ.
"ރައީސް މުއިއްޒު މަގާމުން ވަކިކުރަން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅަން ތިބޭފުން ތައްޔާރުތޯ؟ އަޒުލުކުރުމުގެ މަސައްކަތް ފަށަން އެމްޑީޕީއިން ތައްޔާރުތޯ؟،" އާޒިމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަކި ކުރުމުގައި ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތައް އިސްލާހުކޮށް، އެމްޑީޕީގައި ކުރިން ތިއްބެވި މެމްބަރުންގެ ވޯޓާ އެކުގައި ވެސް ދެ ބޭފުޅުން ވަކި ކުރެވޭ ގޮތަށް މަޖިލިހުން ފާސް ކުރި ފަހުން އެމްޑީޕީގެ 14 މެމްބަރަކު ވަނީ އެ ޕާޓީ ދޫކުރައްވައި ޕީއެންސީ އަށް ސޮއިކުރައްވައިފައެވެ. އެންމެ ފަހުން ޕީއެންސީއާ ގުޅިވަޑައިގެންނެވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ.
އެއާއެކު، އެމްޑީޕީގެ މެމްބަރުންގެ އަދަދު މިހާރު ވަނީ 42 އަށް ދަށްވެފައެވެ.