ދުނިޔޭގެ ބާރުތަކާއެކީ 2015 ވަނަ އަހަރު އިރާނުން ސޮއިކުރި ނިއުކްލިއަރ އެއްބަސްވުމަށް އެބުރި ދިއުމަށްޓަކާ ކުރިމަތިކުރުވާ އިތުރެ އެއްވެސް ޝަރުތެއް ގަބޫލު ނުކުރާނެކަމަށް އިރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅު ވެއްޖެއެވެ.
ހަސަން ރޫހާނީ މިހެން ވިދާޅުވެފައިވަނީ، ދުނިޔޭގެ އެންމެ ބާރުގަދަ 7 ގައުމާއެކު ސޮއި ކުރެވުނު މިއެއްބަސްވުމަށް އަލުން އެބުރިދާއިރު، އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމާ އަދި، ސަރަހައްދީ ގައުމުތަކާ އިރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައްވެސް ހިމަނައިގެން އަލުން މަޝްވަރާކުރުމަށް އެމެރިކާއިން މަސައްކަތް ފެށުމާއި ގުޅިގެންނެވެ. އެހެންނަމަވެސް، އީރާނުން ބުނެފައިވަނީ، އެގައުމުގެ މިސައިލް ޕްރޮގްރާމާ އަދި، ސަރަހައްދީ ގައުމުތަކާ އުފެދިފަ އޮތް ގުޅުމުގެ މައްސަލާގައި މަޝްވަރާ ނުކުރާނެ ކަމުގައެވެ.
އެމެރިކާ އަދި ޔޫރަޕްގެ ގައުމުތަކުން ފާއިތުވެދިޔަ ހަފްތާގައި ބުނެފައިވަނީ، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2018 ވަނަ އަހަރު ވަކިވެފައިވާ، ރަސްމީ ނަމުންނަމަ، ޖޮއިން ކޮމްޕްރިހެންސިވް އެކްޝަން ޕްލޭން (JCPOA) ނިއުކްލިއަ ޑީލް އަލުން ވުޖޫދަށް ގެނައުމަށް އެގައުމުތަކުން ބޭނުންވާ ކަމުގައެވެ.
އެހެންނަމަވެސް، މިގައުމުތަކުން ބުނެފައިވަނި، މި އެއްބަސްވުން އަލުން ވުޖޫދަށް ގެންނައިރު، އެއްބަވުމުގެ ބައިތަކުގެ ގޮތުގައި، އިރާނުގެ މިސައިލް ޕްރޮގްރާމާ، އަދި ސަރަހައްދީ ހަމަޖެހުން ނަގާލާ ކަމަށް އެމެރިކާއިން ގަބޫލުކުރާ ބައެއް ޖަމާއަތްތަކަށް އިރާނުން އެހީތެރިކަން އެހީތެރިކަން ފޯރުކޮށްދެމުންދާ ދިއުންވެސް މަޝްވަރާތަކުގައި ހިމެނުމަށް ގައުމުތަކުން ބޭނުން ވެއެވެ.
މިއަހަރުގެ ފެބްރުއަރީމަހު، އިރާންގައި ކޯވިޑް19 ފެތުރެން ފެށިފަހުން، ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި، އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑްންއާއި އަދި ޔޫރަޕްގެ ބައެއް ގައުމުތަކުންވެސް، ގޮވާލަމުންދާ މިގޮވާލުމަށް އިރާނުގެ ރައީސްވަނީ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފައެވެ.
"އަހަރުމެން އެއްވެސް ބަޔަކު ހުށަހަޅާ އިތުރު އެއްވެސް ހުށަހެޅުމެއް ގަބޫލެއް ނުކުރާނަން. މިއެއްބަސްވުމަކީ އިތުރަށް މަޝްވަރާ ކުރެވޭނެ އެއްބަސްވުމެއް ނޫން. އަދި އެއްބަސްވުމުގެ ބައިތަކާ ވަކިވަކިންވެސް މަޝްވަރާއެއް ނުކެރެވޭނެ،" އިރާންގެ ރައީސް ވިދާޅުވެފައި ވެއެވެ.
"އޮތް ގޮތަކީ، މިއެއްބަސް ވުމަށް ކުރިންވެސް އޮތްގޮތަށް އަމަލުކުރަންޏާ ކުރުން، ނުވަތަ ނުކުރަންޏާ ނުކުރުން. އަމަކުރަންޏާ އަހަރުމެންވެސް މިއަށް އަމަލު ކުރާނަން."
މީޑިއާއަކަށް މިމަހުގެ ކުރީކޮޅު ދެއްވި އިންޓަވިވްއެއްގައި، ޖަރުމަރުވިލާތުގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ، މިހާރުގެ ހާލަތަށް ބަލާ، "ނިއުކްލިއަރ އެގްރީމަންޓް ޕްލަސް" އެއްގެ ބޭނުންތެރިކަން ޖެހިފައިވާ ކަމަށެވެ.
ރޫހާނީ ވިދާޅުވެފައިވަނީ، އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކުން މިހާރު ފާހަގަ ކުރަމުންދާ ކަންކަމަކީ، އެގައުމުގެ ނިއުކްލިއަރ ހަކަތައާއި އެއްވެސް ގުޅުމެއް ހުރި މައްސަލަތަކެއް ނޫންކަމުގައެވެ. އެހެންކަމުން މިމައްސަލަތައް މަޝްވަރާގެ މޭޒުދޮށަށް ގެނެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެމީހުންވަނީ، މި މައްސަލަތަކުގައި ކުރިންވެސް އަހަރުމެންނާ ވާހަކަ ދައްކާފަ. P5+1އިން ވަނީ JCPOA ބައެއްގެ ގޮތުގައި މިމައްސަލަތައް ހިމެނުމަށް ކުރިންވެސް ވާހަކަ ދައްކާފަ،" އިރާންގެ ނިއުކްލިއަރ ޑީލްއާ ބެހޭގޮތުން ކުރެވުނު މަޝްވަރާތަކުގައި ބައިވެރިވި، އެމެރިކާ، ފްރާންސް، ޖާރމަނީ، އިގިރޭސިވިލާތް، ޗައިނާ އަދި ރަޝިއާއަށް އިޝާރާތްކުރަމުން ރޫހާނީ ވިދާޅުވިއެވެ.
"އެމެރިކާއިން ވަނީ އެތައް މަހެއްވަންދެން، އަަހަރުމެންގެ މިސައިލް ޕްރޮގްރާމް މަޝްވަރާތަކުގައި ހިމެނުމަށް މައްސައްކަތް ކޮށްފަ. އަހަރުމެން ބުނީ ނޫނެކޭ. އަދި އެމީހުންވަނީ، ސަރަހއްދީ މައްސަލަތައްވެސް މަޝްވަރާތަކުގައި ހިމެނުމަށް އެތައް މަހެއްވަންދެން މަސައްކަތް ކޮށްފަ. އަހަރުމެންވާނީ ފާޅުގައި ދެކޮޅު ހަދާފައި. މިހުރިހާ ކަންކަމަކީވެސް، މަޝްވަރާކުރެވި، އެހެންނަމަވެސް، އަހަރުމެން ދެކޮޅު ހަދާފައި ހުރި ކަންކަން،"
އިރާނުގެ ރައީސް ވިދާޅުވީ، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މިކަންކަން ނޭގިދާނެ ކަމުގައެވެ. އެހެންނަމަވެސް، އެމެރިކާގެ އިންތިޚާބީ ރައީސް ޖޯބައިޑްން އޮބާމާގެ ފަރާތުން JCPOA ގައި ސޮއިކޮށްފައި ވުމާއެކު، އޭނާއަށް މިކަންކަން ވަރަށް ރަގަޅަށް އެގިވަޑައިގަންނަވާނޭ ކަމަށްވެސް ރޫހާނީ ވިދާޅުވިއެވެ.