މލޭގެ މޭޔަރުކަމަށް އިންތިޚާބު ވެއްޖެނަމަ އަވަށު ބޯޑުތައް ނުވަތަ އަވަށު ކޮމިޓީތައް އުފައްދަވާނެކަމުގައިޕީއެންސީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ވާދަކުރާ ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
މިރޭ ކުރިޔަށްދާ ޕީއެސްއެމް މޭޔަރު ބަހުސްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ، އޭނާ މޭޔަރުކަމަށް އިންތިޚާބު ވެއްޖެނަމަ ތައާރަފްކުރާނީ "ބޮޓޮމް ޓު ޓޮޕް (ތިރިން މައްޗަށް) ކަންކަން ތަންފީޒު ކުރާނެ ނިޒާމެއް ކަމުގައެވެ. އާޒިމާ ވިދާޅުވީ ކައުސިލް ހިންގުމުގައި ކަންކަން ކުރަންޖެހޭނީ މާލޭ ސިޓީގެ ރައްޔިތުންގެ ވިސްނުމާއި ޚިޔާލު ހޯދައިގެން ކަމަށާއި، އަވަށު ބޯޑުގައި ސްކޫލްތަކާއި އެފަދަ ތަންތަން ތަމްސީލުވާން ޖެހޭނެ ކަމުއެވެ.
އަދި އާޒިމާ ވިދާޅުވީ އޭނާގެ މޭޔަރުކަމުގައި އަންހެން ކަނބަލުންނަށް 1،500 ވަޒީފާ ޚާއްސަކޮށްގެން އުފައްދާނެކަމަށާއި، މާލެއަށް ހެޔޮ ބަދަލު ގެނެވޭނީ އަންހެން ކަނބަލުންނަށް މާލީ މިނިވަންކަން ދެވިގެން ކަމުގައެވެ. އޭގެ އިތުރުން އިސްރަށްވެހިންނަށް ޚާއްސަ ސެންޓަރުތައް ގާއިމް ކުރުމުގެ އިތުރުން މާލޭއަށް ކުރިމަތިވެފައިވާ އިޖުތިމާއީ މައްސަލަތައް ހައްލުކޮށްދޭނެ ކަމުގައިވެސް އާޒިމާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ