ދުނިޔޭން ނެތިދިއުމުގެ ބިރު ހީވެފައިވާ ކަނޑޫގަހުގެ ބާވަތެއް ރާއްޖޭން ފެނިއްޖެ

ދުނިޔޭން ނެތިދިއުމުގެ ބިރު ހީވެފައިވާ ކަނޑޫގަހުގެ ބާވަތެއް ރާއްޖޭން ފެނިއްޖެ

Author
މުޙައްމަދު ޖިމީ
08 އޮކްޓޯބަރ 2020 11:31
0

ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތި ދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއްކަމަށްވާ ބުރުގެރިއާ ހެނެސީ (Brugueira hainesii) ރާއްޖެއިން ފެނިއްޖެއެވެ. މިގަސް ފެނިފައިވަނީ ރާއްޖޭގެ އުތުރުން ހއ.ކެލާގައި އޮންނަ ކަނޑޫފަލުންނެވެ.

އެބާވަތުގެ4 ގަސް އެރަށުން ފެނިފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ. ކެލާއިން މިގަސްތައް ފެނިފައިވަނީ މި އަހަރުގެ މާރިޗު މަހު ހއ. ކެލާ ކަނޑޫފާ ސަރަޙައްދުގައި ކުރިއަށްގެންދިޔަ އިކޮލޮޖިކަލް ސަރވޭގައި އެރަށުގެ ކުޅީގެ ސަރަޙައްދުން ކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މިސަރވޭ ކުރިއަށް ގެންގޮސްފައި ވަނީ ހިމާޔަތްކޮށްފައިވާ ސަހަރައްދުގެ ދިރުންތަކާއި ބެހޭ މައުލޫމާތު އެއްކުރުމަށް ޔޫ.އެސް.އޭ.އައި.ޑީގެ ހިލޭ އެހީގެ ދަށުން ދިވެހި ސަރުކާރުން ހިންގާ ޕްރޮޖެކްޓެއް ކަމަށްވާ "ރީޖެނެރޭޓް" ޕްރޮޖެކްޓްގެ ތެރެއިން، އިންޓަރނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) މޯލްޑިވްސް އާއި ގުޅިގެން ނެވެ.

މިބާވަތުގެ ދުނިޔޭގައި ހުރީ އެންމެ ދުއިސައްތައެއްހާ ގަސްކަމަށް2010 ވަނަ އަހަރާއި ހަމައަށް ހެދިފައިވާ ދިރާސާއަކުން ވަނީ ދައްކާފައެވެ. ކެލާ ކަނޑޫފަލުން ފެނުނު ބުރުގެރިއާ ހެނެސީ ގަހަކީ ކަނޑޫފަލަށް ނިސްބަތްވާ ގަސްތަކުގެ ތެރެއިން ދުނިޔެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ދެބާވަތުގެ ތެރެއިން އެއް ބާވަތެވެ.

މި ބާވަތުގެ ގަހަކީ އައި.ޔޫ.ސީ.އެނުން މުޅި ދުނިޔެއިން ނެތިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް އޮތް ގަސްތަކުގެ ކެޓެގަރީ ލިސްޓްކޮށްފައިވާ ބާވަތުގެ ގަހެކެވެ. މި ބާވަތުގެ ގަސް ފެނިފައިވަނީ އޮސްޓްރޭލިއާ، ޕަޕުއާ ނިއު ގިނީ، އިންޑޮނޭޝިއާ، މެލޭ ޕެނިންސުލާ، ތައިލެންޑް އަދި މިޔަންމާގެ ކަނޑޫފާތަކުންނެވެ. މިގަހުގެ އާބާދީ ދުވަހުން ދުވަހަށް ދަނީ މަދުވަމުންނެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ، ހއ. ކެލާއިން މި ބާވަތް ފެނުމަކީ އެރަށަށް ލިބޭ އިތުރު ޚާއްސަ ސިފައެއް ކަމަށެވެ.

ކެލާގައި ކުރިޔަށް ގެންދިޔަ މިސަރވޭ އާއި ގުޅޭ ރިޕޯޓް މިހާރުވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އީޕީއޭ އަދި އައި.ޔޫ.ސީ.އެން ގުޅިގެން ތައްޔާރުކޮށްފައި ކަމަށް މިނިސްޓްރީން ބުނެއެވެ. ރާއްޖޭގެ ކަނޑޫފާތަކުން މީގެ ކުރިންވަނީ 14 ބާވަތެއްގެ މެންގްރޫވް ގަސް ރެކޯޑް ކުރެވިފައެވެ. އަލަށް މިފެނުނު ބާވަތާއެކު ދިވެހިރާއްޖެއިން މުޅިއެކު 15 ބާވަތުގެ މެންގްރޫވް މިހާރުވަނީ ފެނިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.