މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލާގައި ދައުވަ ކޮށްފައިވާ ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ) ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފުރަން ހުއްދަ ދިން މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެން އޭނާ ފުރުން މަނާކުރުމުގެ ވަގުތީ އަމުރެއް ނެރެފިއެވެ.
ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އަޅަން ސީލައިފާއި ހަވާލުކުރުމުން އެ ފްލެޓް ވިއްކާނެ ކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުން ފައިސާ ނެގުމަށްފަހު ފްލެޓްތައް ވެސް ނާޅައި، އެ ފައިސާތަކަށް ހިޔާނާތްތެރިވި މައްސަލައިގައި އައްމަޓީއާ ދެކޮޅަށް 42 ދައުވާއެއް ކުރެއެވެ.
ހިޔާނާތުގެ ގިނަ ދައުވާތަކެއް ކޮށްފައި ވަނިކޮށް އައްމަޓީ ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރަން ދިއުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅެވެ.
އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ މަހު ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ. އެހެންވެ، އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ނެރުއްވި އަމުރުގައިވަނީ އެ ކޯޓުން އެ މައްސަލަ ނިމެންދެން ނުވަތަ ވަކި ގޮތަކަށް އަންގަންދެން އައްމަޓީ ރާއްޖެއިން ބޭރަށް ފުރުން މަނާކުރަން ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަންގާ ކަމަށެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަލީ ރަޝީދެވެ.
އައްމަޓީ ޝަރީއަތް ނިމެންދެން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު އޭނާ މިހާރު ހުރީ ޝަރުތުތަކާ އެކު ދޫކޮށްލައިފައެވެ. އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.