އާޒިމާގެ ކެމްޕެއިންގެ ކުރީ ސަފުގައި ފަސްޓް ލޭޑީ!

އާޒިމާގެ ކެމްޕެއިންގެ ކުރީ ސަފުގައި ފަސްޓް ލޭޑީ!

Author
އަހުމަދު
04 ޖެނުއަރީ 2024 06:06
0

މި މަހުގެ އޮންނަ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މޭޔަރު ކަމަށް ވާދަ ކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރުގެ ކެމްޕެއިންގެ ކުރީ ސަފުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ޖެނުއަރީ 13 ގައި މާލެ ސިޓީގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރައްވާ އަދި އެންމެ ވަރުގަދަ ކެމްޕެއިނެއް ކުރައްވަމުން ގެންދަވަނީ އާޒިމާއެވެ. އާޒިމާ ގެންދަވަނީ ކޮންމެ ދުވަހަކުހެން މާލެ ސިޓީގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ދަތިތައް އޮޅުން ފިލުއްވަމުންނެވެ. މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފޯރި އާއި ޖޯޝުގައި ކެމްޕެއިން ކުރައްވަނީ ވެސް ބައި އިލެކްޝަންގައި ވާދަކުރައްވާ ހަމައެކަނި އަންހެން ކެންޑިޑޭޓު އާޒިމާއެވެ.

އާޒިމާގެ ފަހަތުގައި އޮތީ ވަރަށް ބޮޑު ޓީމެކެވެ. ރައީސް މުއިއްޒުގެ ކެބިނެޓް މެމްބަރުންނާއި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ގެންދަވަނީ އަމަލީ ގޮތުން އާޒިމާ އަށް ކެމްޕެއިން ކޮށް ދެއްވަމުންނެވެ. އެގޮތުން ވަޒީރުން ފެންވަރުގެ ބޭފުޅުން ވެސް އާޒިމާއާ އެކުގައި ގޭގެއަށް ވަޑައިގަންނަވައެވެ. މިކަމުން ވެސް އާޒިމާގެ ކެމްޕެއިންގެ ވަރުގަދަ ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިގެންދެއެވެ.

އެންމެ ފަހުން މި ކެމްޕެއިނާ ގުޅިވަޑައިގެންނެވީ ރައީސް މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާއެވެ. ސާޖިދާ އިއްޔެ އާއި މިއަދު ހަވީރު ވަނީ އާޒިމާއާ އެކީގައި މާލޭގެ ބައެއް ގޭގެއަށް ވަޑައިގެން ކެމްޕެއިން ކުރައްވައިފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަނބުރާ ހޯދުމުގައި އާޒިމާ ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި އިރު، ކުރީ ސަރުކާރުން "ވިއްކާލާފައިވާ" ރާއްޖޭގެ މަސްވެރިންގެ ކަނޑުގެ ސަރަހައްދު އަބުރާ ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި އާޒިމާ ގެންދަވަނީ މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ. އޭގެ އިތުރުން އާ ސަރުކާރު ވެރިކަމާ ހަވާލުވަންދެން ދިރާގުގެ މެޖޯރިޓީ ހިއްސާ ވިއްކުމާއި ދެކޮޅަށް އެކަމަނާ ވަނީ ދުރުވިސްނުމާއެކު ގައުމަށް އެންމެ ލާބަހުރި ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

އާޒިމާގެ ގިނަ ހިދުމަތްތައް ފާހަގަ ކުރެވިފައި ވަނީ ގާނޫނީ ވަކީލަކަށް މަސައްކަތް ކުރެއްވުމުގެ ތެރޭގައެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން ބަންޑާރަ ނައިބުގެ ހައިސިއްޔަތުން، ޖެހިޖެހިގެން ތިން ދައުރަކަށް އެ މަގާމުގައި ހުންނެވި އާޒިމާ ޝަކުރު ވަނީ އަންހެކަނބަލުން ކުރިމަގަމަށް ނިކުންނެވުމަށް ހިތްވަރު ދެއްވާ އެމަގުން ލީޑަރޝިޕް ދައްކަވާފައެވެ. އެގޮތުން ލީޑާޝިޕްގެ ރޯލުތަކުގައި އަންހެންކަބަލުން މަސައްކަތްކުރުމަށް މަގުފަހިކުރުމަށް އެކަމަނާވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.