ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މަންމާފުޅުގެ ހާލުކޮޅު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.
ރައީސް ޔާމީންގެ މަންމާފުޅު، ޢުމުރުފުޅުން 83 (އ)ގެ ފާޠިމަތު ޙަސަން ދިރިއުޅުއްވަމުންގެންދަވަނީ ދަރިކަނބަލުން މުސްލިމާ ޢަބްދުލްޤައްޔޫމްގެ އަރިހުގައި ސްރީލަންކާގައެވެ. އެކަމަނާއަކީ ނ.ވެލިދުއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ރައީސް ޔާމީންގެ މަންމާފުޅު އާލަސްކާންފުޅު ބޮޑު އެކަމަނާއަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯއްދަވަމުން ގެންދަވާތާ މިހާރު ވަނީ ހަފްތާއެއްހާ ދުވަސް ވެފައެވެ. ނަމަވެސް އެކަމަނާ ފަރުވާ ހޯއްދަވަމުން ގެންދަވަނީ ކޮން އާލާސްކަންފުޅެއްގައިކަން އެނގިފައެއް ސާފެއްނުވެއެވެ.
ރައީސް ޔާމީންގެ މަންމާފުޅުގެ ހާލުކޮޅު ދެރަވެެ އެޑްމިޓްކޮށްގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނައިރު، ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުންނެވެ. ރައީސް ޔަމީން ޖަލުގައި އޮންނަވަނިކޮށް އެމަނިކުފާނުގެ އެއްބަފާ ދައިތާފުޅު މޫމިނާ ޢަބްދުލްގައްޔޫމް ވެސް ވަނީ އަވަހާރަވެފައެވެ.
ރައީސް ޔާމީން ޖަލު ޙުކުމް ތަންފީޒްކުރައްވަމުން ގެންދަވާތާ މިހާރު ވަނީ އަހަރެއް ފާއިތުވެފައެވެ. ރައީސް ޔާމީންގެ މަންމާފުޅު އެމަނިކުފާނައެކު ހަ ބާފުޅުން ތިއްބަވައެވެ. އެއީ ފަސް ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ