އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި އައިޝަތު ޖެނިފާ އެ މަގާމުން ވަކިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަގާމުން ވަކިކޮށްފައިވަނީ އިއްޔެއެވެ. އޭނާ ވަކިކުރި ސަބަބެއް ސާފު ނުވިނަމަވެސް އޭނާ އެމަގާމުގައި ހުންނެވީ އެމްޑީޕީގެ ސްލޮޓުގައެވެ. އެހެންނަމަވެސް އޭނާ ފަހަކަހަށް އައިސް އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ފާޅުކޮށް އުޅެފައެއް ނުވެއެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި، އައިއޭއެސްގައި ޖެނިފާ ވަނީ 27 އަހަރު ވަންދެން ހިދުމަތް ކުރައްވައިފައެވެ.
ޖެނިފާ، އައިއޭއެސްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރައީސްކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
އައިއޭއެސްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އޭނާ ވަނީ އެކުންފުނީގެ ޑެޕިއުޓީ ހެޑް އޮފް ކާގޯގެ މަގާމު އަދާކުރައްވައިފައެވެ. އޭނާ މަގާމުގައި ހުންނަވަނިކޮށް 2016 ގައި އޭނާ ވަޒީފާއިން ވަކިކުރި ނަމަވެސް، މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހުށަހެޅުމުން އަލުން ވަޒީފާ ދިނުމަށް ހުކުމް ކޮށްފައި ވެއެވެ.
ކޮމެންޓު ފޮނުވާ